ޚަބަރު

ކޯވިޑް-19 : މިޙާލަތުގެ އަބްޠާލުންގެ ދުވަސް


މިއަދަކީ ކޯވިޑް-19އާއެކު މިވަގުތު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ހިތްދަތިކަމާއި ނުރައްކާތެރިކަމުގެ ޙާލަތުގައި އަޅުގަނޑުމެންގެ ފުރާނަ ޙިމާޔަތްކުރުމުގެ މަސައްކަތުގައި ރެއާދުވާލު ވަގުތުހޭދަކުރަމުންދާ އަބްޠާލުންގެ ދުވަހެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މި އަބްޠާލުން މަސައްކަތްކުރަމުން ދަނީ އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލުދައްކަމުންނެވެ. މިއަދަކީ ދިވެހި ޑޮކްޓަރުންގެ ދުވަހެވެ.

ކޮންމެ އަހަރަކުވެސް އޭޕްރީލް މަހުގެ 18ވަނަ ދުވަހަކީ ދިވެހި ޑޮކްޓަރުންގެ ދުވަހުގެގޮތުގައި ފާހަގަކުރާ ދުވަހެވެ. މިދުވަހަކީ އިންސާނީ ޚިދުމަތުގައި ރެއާއި ދުވާލު ގުރުބާންވާ ޚިދުމަތްތެރިންގެ ދުވަހެވެ. މިދުވަސް މިއަދު އެބޭފުޅުންނާއި ކުރިމަތިލާއިރު، އެންމެ ހިއްދަތި އަދި އެންމެ ނުރައްކާތެރި ޙާލަތުގައި މަސައްކަތްކުރަން ތިބީ އެމީހުންނެވެ. ދިވެހި ޑޮކްޓަރުންނަކީ ހިތްވަރުގަދަ ނުގުޑާފަދަ އަޒުމެއްގައިތިބި ބައެއްކަން މިއަދުގެ މިޙާލަތުން އެކަނިވެސް ހާމަކޮށްދެއެވެ. ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި އެވަނީ ހާދަބޮޑު ޤުރްބާނީއެކެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތުގައި ހުރިހާ ވަގުތެއް ހޭދަކުރަމުންދާ ޑޮކްޓަރުންގެ މިއަދުގެ އަޒުމް ވަރުގަދައެވެ.

ޑޮކްޓަރުންގެ ފަރާތުން ފެންނަމުންދަނީ އާދަޔާ ޚިލާފު ހިތްވަރަކާއި އަޒުމެކެވެ. އަމިއްލަ އާއިލާއާއި، އަނބިދަރިންނާ ދުރުގައި އެތައް ވަގުތެއް ހޭދަކޮށް ނުރައްކާތެރި މާޙައުލުގައި ފުރާނަ އަތްމައްޗަށް ލައިގެން އެވަނީ ޝުކުރު ހައްޤު ގުރުބާނީއެކެވެ.

މިއަދުގެ ޙާލަތާ ގުޅިގެން ޑޮކްޓަރުން ފާޅުކުރާ ޝުއޫރުތަކުން ފުން އަސަރުތަކެއް ކުރުވައެވެ. ޑޮކްޓަރުންގެ ދުވަހާގުޅިގެން އައިޖީއެމް ހޮޕިޓަލުގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު ޑރ.މުޙައްމަދު އަލީ ވިދާޅުވީ މިއީ ފަސްޖެހެންވީވަގުތެއްނޫންކަމަށެވެ. ކެރިގެން ކުރިމަތި ލާންވީވަގުތުކަމަށެވެ. މިދަނޑިވަޅަކީ ކޯވިޑް-19ގެ މިޙާލަތާމެދު މާޔޫސް ނުވެ ހިތްވަރުކުރަންވީ ވަގުތުކަމަށެވެ.

މިހާލަތުގައިވެސް ޑޮކްޓަރުންގެ އާދޭހަކީ ގެއިން ބޭރަށް ނުނިކުމެ މަޑުކުރުމެވެ. ޖިސްމާނީ އަދި ނަފްސާނީ ދުޅަހެއޮކަމަށް ސަމާލުކަންދީ ސާފުތާހިރުކަންމަތީ ދިރިއުޅުމަށް ޑޮކްޓަރުން އިލްތިމާސް ކުރައްވައެވެ.

ކޯވިޑް-19ގެ މަޢުލޫމާތު ހޯދައި ސަމާލުވުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ. މިބަލި ޖެހޭ މީހުންގެ ތެރެއިން %80 މީހުންގެ ކިބަިއން ފެންނާނީ ވަރަށް އާދައިގެ ރޯގައެއްގެ އަލާމަތްތައްކަމާއި، ބަލީގައި %20 މީހުން ސީރިއަސްވެ އޭގެތެރެއިން %9 މީހުންގެ ހާލު ނާޒުކު ވެދާނެކަމުގެ ބިރު އޮތްކަމީ އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކަމެއްކަން ޑޮކްޓަރުން އަންނަނީ ކެނޑިނޭޅި ހަނދާންކޮށްދެމުންނެވެ.

ދިވެހި ޑޮކްޓަރުން މިއަދު ވަމުންދާ ގުރުބާނީއަކީ އަގުނުކުރެވޭފަދަ ގުރުބާނީއެކެެވެ. ބިރުވެރިކަމާއި، މާޔޫސްކަމުގެ މިދަނޑިވަޅުގައި ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ކުރައްވާ ހިތްވަރު އެއީ ނަމޫނާއެކެވެ. ޑޮކްޓަރުންނަށް މިއަދު ދެވޭނެ އެންމެބޮޑު ހަދިޔާއަކީ ޑޮކްޓަރުންގެ އިރުޝާދުތަކަށް ތަބާވެ ގޭގައި ތިބުމެވެ.