 
					
									
			ކޯވިޑް-19އާ އެކު މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިވާ ޙާލަތަކީ ފަހުގެ ތާރީޚުގައި އަޅުގަނޑުމެން ޤައުމީ ޙަޔާތުގައި ކުރިމަތިވި އެންމެބޮޑު އިމްތިޙާނަށް ވެގެންދާނެއެވެ. މި އިމްތިޙާނުންް އަރައިގަތުމަށްޓަކައި މިއަދު މިވަނީ ކޮންމެ ރައްޔިތަކުވެސް އެމީހެއް ފަރުދީ ޒިންމާ އަދާކުރަން ޖެހިފައެވެ. ޤައުމީ ގޮވާލުމަށް އިޖާބަދޭން މިވަަނީ ޖެހިފައެވެ. މިޙާލަތު ބަދަލުކުރެވެން އޮތީ އެންމެހައި ރައްޔިތުންގެ މަސައްކަތުންނެވެ. 
ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ހިތްދަތިކަމާއި ބިރުވެރިކަމުގެ މިޙާލަތަކީ އިންތިހާޔަށް މާޔޫސްކަން ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. މިހާލަތުން އަރައިގަތުމަށް ކޮންމެ ރައްޔިތަކުވެސް ބޮޑެތި ޤުރުބާނީތަކެއްވާން މިވަނީ ޖެހިފައެވެ. އެކަން ކުރެވެން އޮތީ ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް އޭގެ އެންމެ ފުރިހަމަގޮތުގައި ކިޔަމަންތެރިވެގެންނެވެ. 
އަޅުގަނޑުމެން އިންސާނުންނަށް މިދުނިޔޭގައި އޮތީ މަދު ދުވަސްތަކެކެވެ. މިދުވަސްތަކުގައި އެކިކަހަލަ އިމްތިޙާންތަކާ އަޅުގަނޑުމެންނަށް ކުރިމަތިވެއެވެ. މުޅި އިންސާނިއްޔަތުގެ ހައްޤުގައި މިދުވަސްތަކުގައި ކުރެވޭނެ އެންމެ ހެޔޮ އެއްކަންތަކެވެ. 
މިވަގުތު ކުރިމަތިވފައި މިވާ ޙާލަތަކީ ހަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ޙަޔާތުގައި ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އިމްތިހާނަށް ވުމަކީ އެކަށީގެންވާކަމެކެވެ. މުސްލިމުންގެ ޙައިސިއްޔަތުން އަޅުގަނޑުމެންގެ މައްޗަށް އޮތް ގޮތަކީ މިފަދަ ކޮންމެ ޙާލަތެއްގައިވެސް މާތްﷲގެ މަދަދާއި އެހީތެރިކަމަށް އެދުމާއެކު ސަބަބުތަކުގައި ހިފުމެވެ. 
ހިތްދަތިކަމާއި އުދަނގޫ ތަޙައްމަލުކުރަންޖެހޭ މިފަދަ ކޮންމެދަނޑިވަޅަކީ އިމްތިޙާނެއްގެ ގޮތުގައި ބަލައި އެކަމުން ނަޖާވުމަށް ގަދައޅައި މަސައްކަތްކުރުމެވެ. ފަރުޟު ފަސްނަމާދު ވަގުތުންވަގުތަށް އަދާކޮށް ގިނަގިނައިން މާތްﷲއަށް ދުޢާ ދެންނެވުމެވެ. 
ކޯވިޑް-19އަކީ ފަސޭހައިން ގައިންގަޔަށް އަރާ، ބަލި ޖެހޭތާ މަދު ދުވަސްތަކެއްގެ ތެރޭގައި މިހާ ނުރައްކަލަށް ހުށަހެޅޭ ނުރައްކާތެރި ބައްޔެކެވެ. ބަލިޖެހޭ މީހުންގެ ނިސްބަތާއި ޢަދަދު ކޮންޓްރޯލްނުވެ ގޮސްފިނަމަ މި މުޖުތަމައުގެ އެތައްބަޔަކު މިދުޔެއާ ވަކިވުމަކީ ވަރަށް ގާތްކަމެެކެވެ. 
މި ޙާލަތުން އަރައިގަތުމަށްޓަކައި ކެތެރިކަން އިންތިހާއަށް އިސްކުރަންޖެހެއެވެ. ކަމާިއބެހޭ ފަރާތްތަކުން އަންގަވާ އެންގެވުންތަކަށް ފުރިހަމައަށް ބޯލަބަންޖެހެއެވެ. މި އެންގެވުންތަކާއެކު މުވަނީ މުޅިން އައު ވައްޓަފާޅިއަކަށް ދިރިއުޅުން ބައްޓަންކުރަންޖެހިފައެވެ. އެކަން ޤަބޫލުކޮށް ޢަމަލުރައް ބަދަލުކުރުން ނޫންގޮތެއް މިއަދު އަޅުގަނޑުމެންނަކަށް ނެތެވެ.