މާލެ ސަރަހައްދު ފުރަބަންދުކޮށްފައި އޮންނަ މުއްދަތުގެ ތެރޭގައި ވިޔަފާރި ބަނދަރުން މުދާ ނެރުން ލަސްވާ މުއްދަތަށް ނަގާ ޑެމަރޭޖް ފީ ނުނަގާނެ ކަމުގައި އެމްޕީއެލްއިން ބުނެފިއެވެ.
އެމްޕީއެލްއާއި ކަސްޓަމްސްގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށެވެ. އެގޮތުން މުދާ ވަކި މުއްދަތެއް ވަންދެން ނުނެރެ ހުރުމުން ނަގާ ޑެމަރޭޖް ފީ ފުރަބަންދުގެ މުއްދަތުގަިއ ނުނެގުމަށް ނިންމާފައި ވާކަމަށެވެ.
"ޑެމަރޭޖް މި ކަނޑާލަނީ ލޮކްޑައުންގައި މުދާ ނުނެރެވި ހުރި މުއްދަތަށް. ދެން ދުވަސް ގުނަން ފަށާނީ ލޮކްޑައުން ނިމުނީމައި. 10ނޫނީ 12ދުވަސް ވަންދެން ހުރީމަ ޑެމަރޭޖް އަރަން މި ފަށަނީ. ލޮކްޑައުން ނިމި މި މުއްދަތު ފާއިތުވީމަ ޑެމަރޭޖް ނަގާނީ". ޝާހިދު އަލީ ވިދާޅުވިއެވެ.
މި ދުވަސްވަރު މުދާ އުފުލާ ބަނދަރުން ނެރުމަށް އިސްކަންދެނީ ކާބޯތަކެއްޗާއި، ބޭހާއި އަދި ޒަރޫރީ ބޭނުމަށް ބޭނުންކުރާ ތަކެއްޗެވެ.
މި ނޫން ތަކެތި މިދުވަސްވަރު ނެރުން މަޑުޖައްސާލުމަށް އެމްޕީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްޕީއެލްއިން ބުނާގޮތުގައި ކޯވިޑް-19 އާއި ދިމާކޮށް ފަތުރުވެރިކަމާއި، ކޮންސްޓްރަކްޝަން މުދާ ރާއްޖެއަށް އެތެރެކުރާ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. މިހާރު ގިނައިން އެތެރެ ކުރަނީ ކާބޯތަކެއްޗާއި އެހެނިހެން ޟަރޫރީ ތަކެއްޗެވެ.