މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހުންނަކީ ކޯވިޑަށް މިހާތަނަށް މާލެއިން ޕޮޒިޓިވްވި އެއްވެސް މީހަކާއި ސީދާ ދިމާވެފައިވާ ބައެއް ނޫންކަމަށް ނޭޝަނަލް އެނެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަރ، ޑރ.ނަޒްލާ ވީދާޅުވީ މިއަދު މާލެ އިން ޕޮޒިޓިވްވި ކޭސް ނަންބަރު 27 އަދި 28 އަކީ މާލެއިން ބަލި ޖެހުނު މީހުންނާއި އެއްވެސް ވަރަކަށް ކޮންޓެކްޓްވެފައިވާ މީހުން ނޫންކަމަށެވެ.
މިމީހުންނަށް ބަލި ޖެހުނު ގޮތް މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑޮކްޓަރ ވިދާޅުވީ މިކަމުގައި ހުރިހާ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދެއްވައި މިވަގުތު ގޭގައި ތިއްބެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ މާލެއިން ކޯވިޑް-19އަށް ކުރިން ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާނުވާ މީހަކު މި ބައްޔަށް ޕޮޒިޓިވްވުމަކީ މި ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރެންފަށައި ބަލީގެ ނުރައްކާ ބޮޑުވަމުންދާކަން ހާމަވާ ކަމެއްކަމަށެވެ. އެހެންކަމުން ކަމާ ގުޅުންހުރި ފަރާތްތަކުން ދެމުންދާ މަޢުލޫމާތާއި އިރުޝާދުތަކަށް ތަބާވެ އަމަލު ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.
ގެއިން ބޭރަށް ނުދިއުމާއި މީހުންނާ ބައްދަލުކުރުން ހުއްޓާލުމަކީ މި ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަންކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި މިއީ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ކުރެވޭ މުހިންމު ކަމެކެވެ.