ވިޔަފާރި

ކޯވިޑް-19: މިހާރު ފިހާރަތަކުން 24 ގަޑިއިރު ޑެލިވަރީކުރާނެ


ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް މިހާރު 24 ގަޑިއިރު ލިބޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

ޑެލިވަރީ ކުރާ ތަންތަނަށް ޑިމާންޑު ބޮޑުވުމާއި ގުޅިގެން ފުލުހުން މިހާރު މިވަނީ ފިހާރަތަކުން 24 ގަޑިއިރު ޑެލިވަރީކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ކާބޯތަކެތި ޑެލިވަރ ކުރާ ފަރާތްތަކަށްވެސް ހެނދުނު 8 އަކުން ރޭގަނޑު 11 އަށް ޚިދުމަތް ދެވޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލެ ލޮކްޑައުންއަކަށް ހިނގައިދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީން މީގެ ކުރިން ވަނީ މިފަދަ ހާލަތަކަށް ހިނގައްޖެނަމަ މާލެ ސަރަހައްދުން ޑެލިވަރީގެ ޚިދުމަތް ދޭނެ ފިހާރަތާކައި ރެސްޓޯރަންޓްތައް ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައެވެ. މިހުޅުވާލި ފުރުސަތުގައި ބައެއް ކެފޭ ރެސްޓޯރަންޓްތައް އަދި ފިހާރަތައް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި މި ފުރުސަތު ނުލިބޭ ފަރާތްތަކުންވެސް ރަޖިސްޓްރީވުމުން މާލެ ސިޓީ ކައުންސިލުން ދަނީ އެކަމަށް ޚާއްސަ ހުއްދައެއް ދެމުންނެވެ.

މާލެ ސަރަހައްދުގައި މިހާރުވެސް 100 އަށްވުރެ ގިނަ ފިހާރަ ކެފޭ ރެސްޓޯރަންޓުން އަންނަނީ ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.