ޚަބަރު

ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތައް ރެޑްކްރެސެންޓްގައި ރަޖިސްޓްރީވެ ފާސް ހޯދުމަށް އެދިއްޖެ


ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކުން މޯލްޑިވްސް ރެޑް ކްރެސެންޓްގައި ރަޖިސްޓްރީ ކުރުމަށް އެޖަމިއްޔާއިން އެދިއްޖެއެވެ. އެޖަމިއްޔާގައި ރަޖިސްޓްރީވާ ހުރިހާ ތަނަކަށް ރެޑްކްރެސެންޓްގެ ޚާއްސަ ފާހެއް ބޭނުންކޮށްގެން ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށް އެމްއާރްސީން ބުނެއެވެ.

މި ފާސް މެދުވެރިކޮށް ބޭރަށް ނިކުތުން މަނާ ގަޑިތަކުގައި ބިދޭސީންނަށް ކާބޯތަކެތި ޑެލިވަރީކުރެވޭނެއެވެ.

ފާސް ހޯދުމަށް ރަޖިސްޓްރީވުމަށް މޯލްޑިވްސް ރެޑްކްރެސަންޓްގެ ނަންބަރު 9906720 އަށް ގުޅުމަށް އެޖަމިއްޔާއިން އިލްތިމާސްކުރެއެވެ.

މާލެ ލޮކްޑައުންއަށް ދިއުމާއިއެކު އެންމެ ބޮޑު ތަކުލީފަކާއި ކުރިމަތިލާންޖެހުނީ ބިދޭސީންނަށެވެ. އެކި މަސައްކަތްތަކުގައި ބައިލައްކައަށްވުރެ ގިނަ ބިދޭސީން މާލޭގައި އުޅެއެވެ. މީގެ ތެރެއިން ގިނަ ބިދޭސީންނަކީ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާ ހޮޓާތަކާއި ކައްކާ ތަންތަނުން ކެއުމުގެ އިންތިޒާމް ހަމަޖައްސާ ފަރާތްތަކެވެ. މީގެތެރޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހޮޓާތައް ނޫނަސް، ބިދޭސީން ދިރިއުޅޭ ބައެއް ތަންތަނުގައި ކައްކައިގެންވެސް ޑެލިވަރީކުރެއެވެ.

ނަމަވެސް ލޮކްޑައުންގެ ޙާލަތާއި ގުޅިގެން އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުދެވި، ގިނަ ބިދޭސީންތަކަކަށް އޭގެ އަސަރު ފޯރާފައިވެއެވެ.

މިހާރު މޯލްޑިވްސް ރެޑްކްރެސެންޓްގައި ރަޖިސްޓްރީވުމުން ޚިދުމަށްދޭން ވަގުތުން ފެށޭނެ ކަމަށާއި، މި މެސެޖު ވީހާވެސް ގިނަ ބިދޭސީންނަށް ފޯރުކޮށްދިނުމަށް އެމްއާރްސީންވަނީ އިލްތިމާސްކޮށްފައެވެ.