ޚަބަރު

ޓެސްޓް ކިޓްގެ ދަތިކަމެއް ނެތް، އިތުރު ކިޓްތައްވެސް އެބަލިބޭ - މަބްރޫކް


ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ މިޙާލަތުގައި މިބައްޔަށް ޓެސްޓްކުރާ ކިޓްތަކުގެ ދަތިކަމެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ނޭޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫބް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަބްރޫކް ވިދާޅުވީ މިހާރުވެސް ކޯވިޑް-19އަށް ޓެސްޓްކުރާ 4000އަށްވުރެ ގިނަ ޓެސްޓް ކިޓް އެބަހުރިކަމަށާ، އަންނަ ހަފްތާގެ ފެށޭ ހިސާބުގައި އިތުރު 10000ކިޓް ލިބޭނެކަމަށެވެ.

"4220 ޕީސީއާރް ކިޓް، 619 ލެއާގުޅޭ ޓެސްޓްހަދާ ކިޓް އެބަހުރި މިހާރުވެސް. ޗައިނާއިން މި ހަފްތާ ނިމޭއިރު ނުވަތަ އަންނަ ހަފްތާ ފެށޭކޮޅު އިތުުރު 10،000 ކިޓް ލިބޭނެ." މަބްރޫކް ވިދާޅުވިއެވެ.

އަދި އަލީބާބާގެ ފައުންޑަރ ޖެކްމާ ހަދިޔާކުރާ 10000 ކިޓްވެސް ވަރަށް އަވަހަށް ލިބޭނެކަމަށް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ކޯވިޑް-19އަށް ކުރާ ޓެސްޓްތަކުގެ ނަތީޖާވެސް އެއް ދުވަހުން ލިބެމުންދާކަމަށެވެ. އަދި ޓެސްޓުކުރުމަށް މިހާރު އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވާ ތިން މެޝިން ފުލް ލޯޑްގައި މަސައްކަތް ކުރަމުންދާތީ ހުރިހާ ޓެސްޓްގެ ނަތީޖަވެސް ލަސްތަކެއް ނުވެ ލިބެމުންދާކަމަށެވެ. ޓެސްޓް ހެދުމުގެ ވަސީލަތަކައި އަދި ލެބޯޓްރިޝަނުންގެ ދަތިކަން ނެތްކަން އައިޖީއެމްއެޗްއިންވެސް ޔަގީންކަން ދީފައިވެއެވެ.

"ސާމްޕަލެއްގެ ނަތީޖާ ލިބެން 12 އާއި 6 ގަޑިއިރު ހޭދަވޭ އެބަވެއެވެ. އެކަމަކު މިއަށްވުރެ ގިނަވަގުތު ނަގާހެން ހީވަނީ މީގައި ހިމެނޭ މެނުއަލް މަސައްކަތްތައްވެސް. ޓެސްޓް ހެދުމުގެ މަސައްކަތުގައި މިވަގުތު ކަންބޮޑުވުމެއް ނެތް." މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން އަތޮޅުތަކުގެ 3 ސަރަޙައްދުގައިހުރި ޖީން އެކްސްޕަރޓްމެޝިން ބޭނުންކޮށްގެން ޓެސްޓް ހެދޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖީން އެކްސްޕަރޓް މެޝިނުގައި ޓެސްޓްކުރާ ކިޓްތަކެއް ހޯދަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެއިތުރަށް ޑަބްލިއު އެޗްއޯއިން އިތުރު 10000 ކިޓް ލިބުމުގެ މަގުމަތީގައި އެބަހުރިކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިންވަނީ މިގެ ކުރިންވެސް 11000 ޓެސްޓު ކިޓް ރާއްޖެއަށް ހަދިޔާކޮސްފައެވެ. ރާއްޖޭގައި، ކޯވިޑް-19އަށް 3400 އަށްވުރެ ގިނަޓެސްޓްވަނީ ހަދާފައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮސިޓިވްވެފައިވަނީ 23 މީހުންނެވެ. މިވަގުތު ފަރުވާދެނީ 5 މީހުންނަށެވެ. އެއީ ހުސް ދިވެހިންނެވެ.