ޚަބަރު

ކުޑަކުޑަ ބައްދަލުވުމަކުން އެތައް ސަތޭކަ ބަޔަކަށް ބަލި ފެތުރިދާނެ: މިނިސްޓަރ އަމީން


ދިވެހި މި މުޖުތަމައަކީ ކުޑަ މުޖުތަމަޢެއްކަށްވުމާއި ދަތުރު ފަތުރުގެ ފަސޭހަ ނިޒާމުގެ ސަބަބުން މާލެ ސަރަޙައްދުގެ ކޮންމެ ތަނަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރު ކުރެވެއެވެ. އާއިލާއާއި ރަޙްމަތްތެރިންގެ އެތައް ބަޔަކު ކައިރި ގެތަކުގައިވެސް ދިރިއުޅޭލެއް މަދެއް ނޫނެވެ. އަދި ބުރިބުރިއަށް ނަގާފައި ހުންނަ ގެތަކުގެ އެޕަރޓްމަންޓްތަކުގައި އެއް އާއިލާއަށް ނިސްބަތްވާ އެތައް ބަޔަކު ދިރިއުޅެމުން ދެއެވެ.

ދިވެހިންނަކީ އަބަދުވެސް މި އޮންނަ އާއިލީ ގާތްކަމާއި ރަޙްމަތްތެރިކަމުގެެ ގުޅުން ދަމަހައްޓަމުން އަންނަ ބައެކެވެ. ޚާއްސަކޮށް ފާހަގަ ކުރާ އެކި އެކި ދުވަސްތަކާއި ދިމާކޮށް، އާއިލީ އެއްވުންތައް ބާއްވަމުން އާދެއެވެ. އާއްމު ޙާލަތުގައި އޮތްނަމަ މިއީވެސް އެފަދަ ދުވަސްވަރެކެވެ. ރޯދަމަހުގެ ކުރިން ބާއްވާ އެންމެންގެ އެއްވުން "މާހެފުން" އޮންނަ ދުވަސްވަރެވެ. ރަމަޟާން މަހަށް ހަފްތާއަކަށް ވެފައިވާރު އޮފީސް މާހެފުމާއި، އާއިލާގެ މާހެފުމާއި، އަދި ރަޙްމަތްތެރިންގެ އެއްވުމުގެ ތެރެއިން ބާއްވާ މާހެފުންތައްވެސް އެތައް ބައިވަރެކެވެ.

ނަމަވެސް މިއަހަރުގެ ރަމަޟާން މަސް މި ކުރިމަތިލީ މުޅި ރާއްޖެއަށް، ޚާއްސަކޮށް މާލެއަށް ނުތަނަވަސްކަމުގެ ތެރޭގައެވެ. މާލެއިން ކޯވިޑް 19ގެ 3 ކޭސް ފެނުމާއިއެކު މުޖުތަމައުގެ ތެރެއަށް ބަލި ފެތުރުމުގެ ބިރު މިއޮތީ ކުރިމަތިވެފައެވެ.

މުޅި މާލެ ލޮކްޑައުންގައި އޮތްއިރު، އެންމެ ބޮޑު އާދޭހަކީ ގޭގައި ތިބުމެވެ. އަދި އިޖްތިމާޢީ ގައިދުރުކަން އިތުރުކުރުމެވެ.

މި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެދަށުން ގިނައަދަދެއްގެ ގެތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މާލޭގެ އެކި އަވައްތަކާއި ހުޅުމާލެވެސް ހިމެނެއެވެ. މީގެތެރޭގައި ވަކި ގެތަކާއި، އިމާރާތްތަކުގެ ބައެއް އެޕާޓްމަންޓްތައް ހިމެނެއެވެ.

މިޙާލަތުގައި ނެޝަނަލް އެމަޖެންސީ ސެންޓަރު އަދި ސިއްޙީ ދާއިރާގެ އެންމެ ބޮޑު އިލްތިމާސަކީ އެހެން މީހުންނާއި ބައްދަލުވާ ބައްދަލުވުން ވާން އޮތް މިންވަރަކަށް މަދުކުރުމެވެ.

ޕީއެސްއިން ގެންނަ ކޯވިޑް-19 ލައިވް ކަވަރޭޖްގައި ފޯނުން ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީންވަނީ ލޮކްޑައުންގައި ތިބޭއިރު ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ދެއްވާފައެވެ.

ޚާއްސަކޮށް ބައްދަލުވުންތަކާއި، ޕާޓީތަކާއި މާހެފުންފަދަ، މީހުން އެއްވެގެން ބާއްވާ ކިތަންމެ ކުޑަ ހަރަކަތެއް ވިއަސް ނުބޭއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނަ އާއިލަތައް އުޅޭ އިމާރާތްތަކުގައި، އެއް އެޕާޓްމަންޓުން އަނެއް އެޕަރޓްމަންޓްތަކަށްވެސް މީހުން ދިއުންވެސް ރައްކާތެރި ނޫންކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވަނީ ވަގުތީ ލޮކްޑައުން އުވާލާ ވަގުތެއްގައިވެސް ކޮންމެހެން ދާންޖެހޭ ޙާލަތެއްގައި ނޫނީ ބޭރަށް ނުދިއުމަށް އިލްތިމާސްކުރައްވާފައެވެ. ކުޑަކުޑަ ބައްދަލުވުމަކުންވެސް އެތަށް ބަޔަކު ބައްޔަށް ހުށައެޅިދާނެކަމުގެ ބިރު އޮތްކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

"އާއިލީ ގުޅުން ބާއްވަންވީ، އެކަމަކު ބައްދަލުވުންތައް ހުއްޓާލަންވީ. މިސާލަކަށް ކުޑަ މާހެފުމެއްގެ ސަބަބުން އެކަކުގެ ކިބައިން 100 އެތަށް ބަޔަކު ބައްޔަށް ހުށައެޅިދާނެ. މާލޭގައިވެސް އަދި ރަށްރަށުގައި ތިބި ރައްޔިތުންގެ ޢަމަލުތައް ބަހައްޓަންވީ މި އިރުޝާދަށް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ފުރާނައާއި ގުޅިފައިވަ ބައްޔެއްކަމަށެވެ. އަދި މި ބަލިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ގޭގައި ތިބުންކަމަށެވެ. ނަމަވެސް މި ތިބޭ ތިބުމުގައި އާއިލާގެ މިހުންނަށް ގުޅައި ހާލުބަލައި ހިތްވަރު ދިނުމުގެ މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވަފައެވެ.