ޚަބަރު

ކޯވިޑް-19 : ފުރަބަންދަށް އަނެއްކާވެސް 24 ގަޑިއިރު އިތުރުކޮށްފި


މާލެސިޓީ ސަރަޙައްދު، ކުރިއަށް އޮތް 24 ގަޑިއިރުވެސް ފުރަބަންދުގައި ބާއްވަން ނިންމަވައިފިއެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ މާލެ، ހުޅުމާލެ، ވިލިމާލެ ފުރަބަންދުކޮށްފައި ވަނީ އިއްޔެއެވެ. މިމުއްދަތު މިހާރުވަނީ އަނެއްކާވެސް 24 ގަޑިއިރަށް އިތުރުކޮށްފައެވެ.

މާލެ ފުރަބަންދުގެ ޙާލަތަށް ގެނައިކަން ހާމަކުރައްވާ އެޗްޕީއޭއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެގޮތުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައިވާކަމަށެވެ. މިއާއެކު މާލޭގެ އެލަރޓް ލެވެލްވަނީ ރަތަށް ބަދަލުކޮށްފައެވެ.

މި ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިބަޔާން ޢާންމުކުރި ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް ފިޔަވަޅުތައްކެއް އެޅުމަށް ވަނީ އަންގަވާފައެވެ.

އޭގެތެރޭގައި ހިމެނެނީ

  • މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން މަނާކުރުން
  • މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ" ގެ ޚިދުމަތް ހުއްޓައިލުން
  • މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން

މި ފިޔަވަޅުތަކުން އިސްތިސްނާވާނެ ފަރާތްތައް

  • ސިފައިންނާއި ފުލުހުން
  • ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެމްބިއުލަންސް
  • ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތައް
  • ނެޝަނަލް އެޅެ ޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ މީޑިއާތައް

މި ފިޔަވަޅުތައް ތަންފީޛުކުރުމުގައި ވަގުތަށާއި ޙާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންކަމަށްވެސް ބަޔާނުގައިވެއެވެ.

މި ފިޔަވަޅުތައް ތަންފީޛުކޮށް، އެފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާ، މިއެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ ނެރުއްވި ބަޔާނުގައިވެއެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައި މިވަނީ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނުމުންނެވެ. މިހާރު ކުރިއަށްދަނީ އޭނާއާ ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތްތަކެވެ.