ކޯވިޑް-19

ކޮވިޑް-19 : ގޭބަންދުގައި ނަފްސާނީ، ޖިސްމާނީ ދުޅަހެޔޮކަމަށް ކުރެވިދާނެ ކަންތައްތައް


ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެއާއި އަމިއްލަ މުޖުތަމައުގައި ފެތުރެމުންދާއިރު މިކަމުގެ ސަބަބުން ކޮންމެ މީހަކަށްވެސް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.

ރެއާ ދުވާލު އެތަށް ބައެއް ބަލިވެ، މަރުވާ ހަބަރު އިވި، އާންމު ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އައުމާއި އެކު، އޭގެ ސަބަބުން މީހާ މާޔޫސްވެ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ބަލިވުމަށް މަގުފަހިވެއެވެ.

ބައްޔަކުން ރައްކާތެރިވުމަށް ނަފްސާނީ ޖިސްމާނީ ދުޅާހެޔޮކަން މުހިންމެވެ. އެހެން ކަމުން މީހާ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ބަލިވިޔަ ނުދިނުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ކިޔާލަދޭނަމެވެ.

ނަމާދުކޮށް، ޤުރުއާން ކިޔަވައި ދުއާ ކުރުން އިތުރުކުރުން

އަޅުގަނޑުމެން މުސްލިމުންނަށް ކޮންމެކަމެއްގައިވެސް ކުރެވެން އޮތް އެންމެ މުހިންމު އަދި އެންމެ ރަގަނޅު އަމަލަކީ ނަމާދުކޮށް ދުއާ ކުރުމެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް މިއާދަ ދެމެހެއްޓުމަކީ މުހިންމުކަމެވެ.

ޤުރުއާން ކިޔެވުމަކީވެސް މީހާގެ އިމާންކަން އިތުރުވެ ރޫހާނީ ގޮތުން ހަމަޖެހުން ލިބިދޭ ކަމެކެވެ. ގޭބަންދުވެ ތިބޭއިރު، މިއީ ޤުރުއާން ކިޔަވައި، ހިތުދަސްކޮށްލުމަށް ބޭނުން ކުރެވޭނެ ވަގުތެކެވެ.

ގަނޑިން ގަޑިއަށް ނިދުން

ގޭބަންދަށް ދިއުމުން ބައެއް ފަރާތްތަކުން ގޭގައި ތިބެން ޖެހުމުން ރޭގަނޑު ހޭލާ ތިބެ، ނުނިދޭ ވާހަކަ ވަރަށް ގިނައިން އިވެއެވެ. ނަމަވެސް ރޭގަނޑުގެ ނިންޖަކީ މީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. އެހެންކަމުން ކޮންމެހެންވެސް ރޭގަނޑު ވަކި ގަޑިއެއްގައި ނިދާފައި، ހެދުނު ހޭލަން އާދަ ކުރަންވާނެއެވެ..

މުޅި ދުވަހަށް ތާވަލެއް ހެދުން

ގޭގައި މަޑުކުރަންޖެހުނަސް ކޮންމެސް ތާވަލެއްގެ މަތިން ކަންކަން ކުރެވިދާނެއެވެ. މިހެން ހެދުމުން ފޫހިނުވެ އަބަދުވެސް ކޮންމެސްކަމެއްގައި ބިޒީކޮށް އުޅެވޭނެއެވެ. މިގޮތުން ކޮންމެ ދުވަހަކު ހޭލާނެ ގަޑިއާއި، އެކިއެކި ކަންކަން ކުރާނެ ގަނޑިތަށް ކަޑައެޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ކުރެވިދާނެ ކަމެއްކަމަށް މާހިރުން ބުނެއެވެ.

ކަސްރަތުކުރުން

ކަސްރަތުކޮށް މީހާ ހެލިފެލިވެ އުޅުމަކީވެސް ކުރެވިދާާނެކަމެވެ. ގޭގައި ތަންކޮޅު ކުޑަޔަސް ކުރެވޭނެ ބައެއް ކަސްރަތުތަށް ހުންްނެއެވެ. އަބަދު ގޭގައި ތިބެން ވީމަ ކެވޭލެއްވެސް ގިނަ ވެދާނެއެވެ. ނަމަވެސް ކޮންމެސް ވަރަށް ކަސްރަތު ކުރަން އާދަކޮށްފިނަމަ މީހާގެ ސިއްހަތަށް މިކަމުން ފައިދާ ކުރާނެއެވެ. ކަސްރަތަކީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ.

ތާޒާ މޭވާ އަދި ތަރުކާރީ ކެއުން އާދަކުރުން

މޭވާއާއި ތަރުކާރިއަކީ އޭގެ ޒާތުގައި ހަށިގަނޑަށް ބޭނުންވާ ގިނަ ފައިދާތަކެއް ލިބޭ ތަކެއްޗެވެ. ގޭގައި އަބަދުތިބޭއިރު ތެލުލި ތަކެއްޗާއި ފޮނި އަދި ލޮނު ރަހަ ގިނަ ތަކެއްޗަށްވުރެއް ސިއްހަތަށް ރަގަނޅު ތާޒާ މޭވާ ތަރުކަރީގެ ބާވަތްތަށް ބޭނުންކޮށް ކެއްކުމާއި، ކެއުމަށް އާދަކުރާށެވެ.

ތެދު ސައްހަ މައުލޫމާތު ލިބިގަތުން

ގޭގައި ބަންދުވެފައި ތިބޭއިރު، ހިތަށް ބިރުވެރިކަން ގެނުވާ އެތަށް ހަބަރާއި މައުލޫމާތެއް އެބަ ލިބެއެވެ. ސޯޝަލް މީޑިއާ އަދި ވައިބާ، ވަޓްސްއެޕް ގްރޫޕްތަކުގައި ދައުރުވާ ސައްހަނޫން އެތަށް މައުލޫމާތެއް ލިބި، މީހާ ބިރުވެރިކަމުގެ ތެރެއަށް ވެއްޓުނަ ނުދޭށެވެ. އޭގެ ބަދަލުގައި ސައްހަ، މައުލޫމަތުދޭ މަސްދަރުތަކުން މައުލޫމަތު ލިބިގަންނާށެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަށް އަޑުއަހާށެވެ.

އާއިލާއާއި ރައްޓެހިންނާއި އޮންނަ ގުޅުން އޮނައިންކޮށް ދަމަހައްޓާށެވެ.
އިޖްތިމާއީ ގައިދުރުކަމަކީ އަދި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ހައްލެވެ. ނަމަވެސް ލޯބިވާ އާއިލާ ގެ މީހުންނާއި އަދި ރައްޓެހިންނާއި ދިމާނުވުމުން ދެރަވާނެކަން އިނގެއެވެ. އެކަމަކު މިއީ މުޅި މުޖުތަމައުގެ ރައްކަތެރިކަމަށް ވާން ޖެހޭ ގުރުބާނީއެކެވެ. ޒަމާނުގެ ގޮތުން މިކަންކުރުމުގައި އެކުގައި ލޯބިވާ މީހުންނާ އޮންނަ ގުޅުން ކަނޑާލާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި އަތުގައި އޮންނަ ސްމާޓްފޯން ބޭނުންކޮށް އެންމެނާއި އޮންނަލައިންކޮށް ގުޅުން ދަމަހައްޓާށެވެ.

ކޮރޯނާއާއި ގުޅުން ނެތް ކޮންމެސް އެއްޗެއް ކިޔާލުން

މިއޮތީ ކުރިން ވަގުތު ނުލިބިގެން ނުކިއިފައި އޮތް ވާހަކަ އާއި އެފަދަ އެހެން ފޮްތައް ކިޔާލަން ވަގުތު ކޮޅެއް ލިބިފައެވެ. 24 ގަޑިއިރު ކޮވިޑް-19ގެ އެއްޗެތި ކިޔާ ކިޔައި މީހާ ބޮލުގައި އެނޫން އެވެސް އެއްޗެއް ނެތުމުން މެދުވެރިވާ މާޔޫސްކަމުން ސަލާމަތް ވުމަށް ފޮތް ކިޔުމުގެ އާދަ އިތުރުކުރަން ޖެހެއެވެ.