ޚަބަރު

ކޯވިޑް-19: މާލެއިން ބަލިޖެހުނު މީހާއާ ގުޅުންހުރި 55 މީހުން އައިސޮލޭޓަށް


މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މިހާއާ ގުޅުންހުރި ހަތަރު ގެއެއް ފާހަގަކުރެވި، އެމީހާއާ ސީދާ ދިމާވި 55 މީހަކު އައިސޮލޭޓްކުރެވިފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި 4ގެއެއްގެ 55 މީހުން މިހާތަނަށް ދެނެގަނެވިފައިވާކަމަށެވެ. އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގައި ދިމާވި މީހުންވެސް ދެނެގަންނަނަމުންދާކަމަށާ، އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ބަލިމީހާއާ ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުގައި ކުރިއަށްދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅުތަކުގައިވެސް ޕޮޒިޓިވްވި މީހާއާ ގުޅުންހުރި ބައެއް މީހުން ތިބިކަން ދެނެގަނެވިފައިވާކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އައްޑޫސިޓިން 2 މީހަކާއި، ގދ.ވާދޫން 2 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ޑރ.ނަޒަލާ ވިދާޅުވިއެވެ.

"މިވަގުތު ވަރަށްގިނަ ތަންތަނުގައި، ގޯޅިގޯޅީގައިވެސް ކޮންޓެކްޓް ޓްރޭސިންގ ކުރިއަށްދާނެ. ވަކި ސަރަހައްދެއނޫން މާލޭގެ އެކި ސަރަހައްދުގައި ކުރިއަށްދާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މާލެއިން ޕޮޒިޓިވްވި މީހާއަސް އެބަލި ޖެހުނީ ކިހިނެއްކަން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި، އެއީ ބަލި ކޮންޓްރޯލްކުރުމަށް ވަރަށް މުހިންމުކަމެއްކަަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.