 
					
									
			މިދަނޑިވަޅުގައި އެކަކު އަނެކަކަށް އޯގާވެރިވެ ގޭގައި ތިއްބެވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވެސް އިލްތިމާސްކުރައްވައިފިއެވެ. 
ނޭޝެނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މާލެއިން ޕޮޒިޓިވް މީހަކު ފެނުމުގެ ކުރިންވެސް މިބަލި ފެތުރުން ކޮންޓްރޯލްކުރުމާއި ބަލި ފެނިއްޖެނަމަ ބަލި ފެތުރުން ލަސްކުރުމަށް މަސައްކަތްކުރަމުން އައިސްފައިވާކަަމަށެވެ. މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ފަހުގެ ތާރީޚެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ޕޮޒިޓިވްވިމީހާ މިބަލިހުރި އެހެންމީހާކާ ދިމާވެފައިވާކަން ދެނެގަތުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. 
ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތްކުރުމަށް މާލެ ފުރަބަންދު ކުރެއްވީކަމަށާ، މާލޭގައި ފުރަބަންދު ޙާލަތުގައި ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެވޭނެ ގޮތްތައްވެސް އިންތިާޒްކޮށްފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މިބަލީގެ ފަރުވާއަކީ ގޭގައި ތިބުމާއި އެކަކު އަނެކަކުގެ މެދުގައި ދުރުމިން ބެއްހެއްޓުންކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
މިވަގުތު ހާސްވެގެން ފިހާރަފިހާރައަށްގޮސް އެތަންތަނުގައިހުރި ތަކެތި ގަނެ ހުސްކުރުމާއި، އެނޫންވެސް ތަންތަނަށް އެއްވުމަކީ ބަލިފެތުރެން މަގުފަހިވެގެންދާނެކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 
"މިވަގުތުވެސް ކެތްތެރިކަމާއެކު ހުރިހާ ރައްޔިތުން އަމަލުކުރުމަށް އިލްތިމާސްކުރަން. މިކަން ދިމާވި އާއިލާއަށް އޯގާވާންޖެހޭނީ ތިމާގެ އާއިލާއަށް އޯގާވެރިކަން ބަހައްޓާގޮތަށް ތަފާތުކުރުމެއްނެތި." މިނިސްޓަރ އަމީން ވިދާޅުވިއެވެ. 
ސިއްޙީ ޚިދުމަތްތެރިންގެ މަސައްކަތް އިތުރަށް ބުރަވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ އަމީން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ސިއްޙީ ޚިދުމަތްތެރިން އެންމެ ކުރީސަފަށް ނުކުމެވަޑައިގަތުމަށް ތައްޔާރުވުމަށް ގޮވާލައްވާފައެވެ.