ޚަބަރު

ވިލިމާލެ ފެރީ ހިމެނޭހެން، މި ސަރަޙައްދުގެ އާއްމު ދަތުރުތައް މުޅިން ހުއްޓާލައިފި


ވިލިމާލޭގެ ޕަބްލިކް ފެރީ ހިމެނޭހެން، މާލެ ސަރަޙައްދުގެ އާއްމު ދަތުރުފަތުރުގެ ނިޒާމު އެއްކޮށް ހުއްޓާލައިފިއެވެ. މާލެ ސަރަޙައްދުގައި އާއްމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތެއް ދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް އެމްޓީސީސީންނެވެ.

މި ދެ ކުންފުނިންވެސްވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އެންމެގުމާއި އެއްގޮތަށް އެކުންފުނިތަކުން މާލެ ހުޅުމާލެ އަދި ހުޅުލެއާއި ދެމެދު ދެމުންގެންދާ ބަހުގެ ޚިދުމަތާއި އަދި ފެރީގެ ޚިދުމަތްތައްވެސް ހުއްޓާލާފައެވެ.

ވިލިމާލެއަށް ދަތުރުކުރެވޭ ހަމައެކަނި ގޮތަކީ އެމްޓީސީސީގެ އާއްމު ދަތުރުފަތުރުގެ ތެރެއިން ދެމުންދާ ފެރީ ނިޒާމު މެދުވެރިކޮށެވެ. ނަމަވެސް އެޗްޕީއޭގެ އެންގުމަށް މި ޚިދުމަތްވެސް 24 ގަޑިއިރަށް ވަނީ މެދުކަނޑާލާފައެވެ. ޕީއެސްއެމްއާއި ވާހަކަދައްކަމުން އެމްޓީސީސީން ބުނެފައިވަނީ ވިލިމާލޭގެ ފެރީގެ ޚިދުމަތް ދޭނެ އުސޫލު ކަނޑައަޅާނީ އެޗްޕީއޭގެ އެންގުންތަކަށް ބަލައިގެން، އެޗްޕީއޭއިން ދޭ އިރުޝާދަށްކަމަށެވެ. އެގޮތުން އެންގުމާއި އެއްގޮތަށް މިހާރުވެސް އޮތީ ދަތުރުތައް މުޅިން ހުއްޓާލާފައެވެ. ވިލިމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު މަސައްކަތް ކުރުމަށް މާލެއަށް ދަތުރުކުރެއެވެ.

އެވަރެޖްކޮށް މާލެއާއި ވިލިމާލެއާއި ދެމެދު 15،000މީހުން، ދުވާލަކު ދަތުރުކުރެއެވެ. ނަމަވެސް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ދަތުރުކުރާ މީހުންގެ އަދަދު 6،000 އަށް ތިރިވެފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މާލެ، ހުޅުމާލެ ވިލިމާލެ، ތިލަފުއްޓަށް އަރާ ފޭބުން ހުއްޓާލުމަށްވެސް އެޗްޕީއޭއިންވަނީ އަންގާފައެވެ. ތިލަފުއްޓަށް އާއްމު ދަތުރުފަތުރުގެ ޚިދުމަތް ދެމުން ގެންދަނިވެސް އެމްޓީސީސީންނެވެ.