ޚަބަރު

ކ.ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރައި ފޭބުން މަނާކޮށްފި


މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ކ.ކާށިދޫއަށް ދަތުރުކޮށްފައިވާތީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ކޯވިޑް-19 އަށް ބައްޔަށް ޕޮޒިޓިވް ވި ދިވެއްސެއްގެ "ޑައިރެކްޓް ކޮންޓެކްޓް" އެއް ދާދިފަހުން ކ. ކާށިދޫއަށް ދަތުރުކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށް ވަނީ "މޮނިޓަރިންގ" ހާލަތަކަށް ގެނެވިފައިވާކަމަށާއި، މި ދަނޑިވަޅުގައި އެ ރަށުން އަރައިފޭބުމަކީ މަނާކަމެއްކަމަށެވެ.

އެޗްޕީއޭގެ ފަރާތުން އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށެވެ. އަދި އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުންވަނީ މަނާކޮށްފައެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މާލެއިން ފެނުމާއި ގުޅިގެން މުޅި މާލެ ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އަދި ޢާންމުން ބޭރަށްނުކުމެ އުޅުމާއި ދުއްވާ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.