ކޯވިޑް-19

ކޯވިޑް-19 : "މިމަހުގެ 2ވަނަ ދުވަހާ ހަމައަށް ޞިއްޙީ ދާއިރާއަށް 280 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި"


ސީދާ ކޯވިޑް-19އާ ގުޅިގެން މިމަހުގެ 2ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޖުމްލަ 280 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދަޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިހެން ވިދާޅުވީ މަޖުލީހުގެ މާލިޔަތު ކޮމިޓީގައި ވާހަކަ ދަށްކަވަމުންނެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަހަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ސީދާ ގޮތުން ކުރިމަތިވާ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މިޙާލަތުގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރައްވަންޖެހޭ ކޮންމެ ޚަރަދެއް ކުރެއްވުމާއި އަޅުއްވަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުއްވުމަކީ ސަރުކާރުގެ ސިޔާސަތުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދަޅުވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ޞިއްޙީ ދާއިރާއިން ކުރައްވަމުންދާ ބުރަ ބޮޑު މަސައްކަތަށް މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 280 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވަކަމަށެވެ.

"މިހާރު ސީދާ ކޯވިޑް-19އާ ގުޅިގެން ޞިއްޙީ ދާއިރާއަށް 2 އޭޕްރީލާ ހަމަޔަށް ޖުމްލަ 280.5 މިލިއަން ރުފިޔާވަނީ ހެލްތު މިނިސްޓްރީއަށް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް އިމިގްރޭޝަން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީގެ ބަޖެޓަށް އިތުރުކޮށްދީފައި. މީގެއިތުރުން 230 މިލިއަން އިތުރުކޮށްދީފައިވަނީ ސީދާ ހެލްތް މިނިސްޓްރީއަށް. އެހެނިހެން ހަރަދުތަކަށް ބަލާލާއިރު، ސަރުކާރުގެ އާމްދަނީ އަންދާޒާ ކުރިވަރާ ގާތަށްވެސް ނުލިބޭނެތީ ކުރިން ފާހަގަކުރިހެން ޚަރަދުކުޑަކުރުމުގެ މަސައްކަތްތަށް ކުރިޔަށް އެބަދޭ. އޮފީސްތަކުގެ ބަޖެޓުން 825 މިލިއަން ރުފިޔާ އުނިކުރެވިފައި. މުވައްޒަފުން ނެގުން މަޑުޖައްސާލާފައިވާތީ 1 ބިލިއަން ރުފިޔާ އަށްވުރެ އިތުރަށް ޚަރަދު މަދުކުރެވޭނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ 2020ވަނަ އަހަރު ރައްޔިތުންގެ މަޖުލީހުން ފާސްކުރި ބަޖެޓުގައި މިއަހަރު ނިމޭއިރު ސަރުކާރުގެ ދަރަނި ގާތްގަނޑަކަށް، ގެރެންޓީ ނުހިމަނައި 57 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ލަފާކޮށްފައި އޮތް ނަމަވެސް މިހާރު އަންދާޒާކުރެވެނީ މިޢަދަދު 62 އާއި 67 ބިލިއަން ރުފިޔާއާ ހަމަޔަށް އިތުރުވެގެން ދާނެއެވެ. 2020ވަނަ އަހަރުގެ ބަޖެޓުގެ ޢާމްދަނީއާއި ހިލޭ އެހީ ކުރިން 30 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާ ކޮށްފައިވީނަމަވެސް ކޯވިޑް-19އާ ގުޅިގެން މިޢަދަދުވެސް 15 ބިލިއަން ރުފިޔާއަށް ދަށްވާނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ޢާމްދަނީއާއި ހިލޭ އެހީލިބުން ދަށްވާނެތީ ޚަރަދު ކުޑަކުރުމަށްވެސް ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރިކަރަންޓް ޚަރަދު ގާތްގަނޑަކަށް 1 ބިލިއަންނަށްވުރެ މަދުކުރުމަށް ފިޔަވަޅުތަކެއް މިހާރުވެސް ވަނީ އަޅާފައި. އޭގެ ތެރެއިން ފާހަގަކޮށްލަންޖެހޭ ކޯވިޑް-19އާ ގުޅިގެން ޞިއްޙީ ދާއިރާއާއި ޑިޒާސްޓަރ މެނޭޖްމަންޓަށް ކުރާނެ ޚަރަދު އިތުރުވެގެން ދާނެ. ނަމަވެސް ކުރިން ފާހަގަކުރިހެން އާމްދަނީއަށް ހީނަރުކަން އަންނާނެތީ ހެލްތު ސެކްޓަރއަށް ޚަރަދުކުރުން އިތުރު ކުރުމަށްވެސް އެބަޖެހޭ އެހެން ދާއިރާތަކުގެ ހަރަދުތަށް ކުޑަކުރަން. އެމަސައްކަތް އެބަކުރޭ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިބާ ހީނަރުކަން ކުޑަކުރެއްވުމަށާއި ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް މުހިންމު އިޤްތިސާދީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. މިޙާލަތުގައި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ކުރިމަތިވާ މާލީ އަދި އިޤްތިސާދީ ދަތިތައް ކުޑަކުރުމަށްވެސް ގިނަ ފިޔަވަޅުތައް ސަރުކާރުން އަޅުއްވައެވެ.