ވިޔަފާރި

ކޯވިޑް-19 : ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެނީ 845000 ފަތުރުވެރިން


މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވެނީ 845000 ފަތުރުވެރިންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 27 މާރޗްގައި އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއެކު ފަތުރުވެރިންކަން އެއްކޮށް ހުއްޓުމަކަށް އައިސްފައިވާކަމަށެވެ.

ދަތުރުފަތުރު އަލުން ހުޅުވާލެވޭނެ ދުވަސް އަންދާޒާކުރަން އުނދަގޫވުމާއިއެކު އަހަރުތެރޭގައި ފަތުރުވެރިން ޒިޔާރަތްކުރާނެ މިންވަރު ދެނެގަތުމަށް މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އަދި އެކިއެކި މުޢައްސަސާތައް ގުޅިގެން ކުރިމަތިވެދާނެ ހާލަތްތަކެއް ތައްޔާރުކޮށްފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 50 އިންސައްތައަށް ދައްވާނެކަމަށް މިހާރު އަންދާޒާކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެންމެ ލައިކްލީ ނިސާރިއޯއެއްކަމަށް މިހާރު އަޅުގަނޑުމެން މަސައްކަތް މިކުރަނީ ސިނާރިއޯ 3. އެއީ ފަތުރުވެރިކަން ޒިޔާރަތްކުރާ މިންވަރު ގާތްގަނޑަކަށް 50 އިންސައްތައަށް ދައްވާނެކަމަށް. މިދިޔަ އަހަރު ރާއްޖެއައީ 1.7 މިލިއަން ފަތުރުވެރިން. އަޅުގަނޑުމެން މިއަހަރު މި އަންދާޒާކުރަނީ 50 އިންސައްތަ ދަށްވެ، ރާއްޖެއަށް މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރާނެ ޖުމްލަ އަދަދަކީ 8،45000 ކަމަށް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިއަހަރުގެ މާރޗްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 60 އިންސައްތަ ދަށްވެފައިވާކަމަށެވެ. އަދި މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 382000 ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވުމާއެކު ރިއަލް ޖީޑީޕީ 11.5 އިންސައްތަ ދައްވާނެކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ. ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ ބޮޑުބައެއް ލިބެނީ ފަތުރުވެރިކަމުންނެވެ. ރާއްޖޭގެ އެކްސްޕޯޓުގެ 80 އިންސައްތައަށްވުރެ ބޮޑުބައެއް ހިއްސާކުރަނީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއަށްވުމުގެ ސަބަބުން ފަތުރުވެރިކަން ދަަށަށްދާ މިންވަރަށް އިމްޕޯޓާއި އެކްސްޕޯޓާއި ރާއްޖެ އަންނަ ބޭރުފައިސާވެސް ދަށްވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.