ވިޔަފާރި

ކޯވިޑް-19 : އިންޑޮނޭޝިއާގައި ބިރުވެރި ރޫޙުތަކެއް!؟


އިންޑޮނޭޝިއާގައި ކިޔައި އުޅޭ ފުލޯކް ވާހަކަތަކުގައި އުޅޭ ޒާތުގެ ބިރުވެރި ރުޙުތަކެއް މިދުވަސްވަރު އެޤައުމުގެ ބައެއް އަވަށްތަކުން ފެންނަކަމުގެ ވާހަކައަކީ މިހާރު ދުނިޔޭގެ ބައެއް މިޑިއާތަކުގެ ސަމާލުކަން ހޯދާފައިވާވާހަކައެކެވެ.

ބިރުވެރި ރޫހުފަދަ ރޫޙާނީ ތަކެތީގެ ވާހައަކީ އިންޑޮނެޝިއާގެ ބައެއް އަވަށްތަކުގެ މީހުން ވަރަށްބޮޑަށް ޤަބޫލުކުރާކަމެކެވެ. މިފަދަ އެއް އަވަށަކީ "ކެޕޫ" ވިލެޖެވެ. މި ވިލެޖުގެ މީހުން ޤަބޫލްކުރާފަދަ ބިރުވެރި ރޫޙުތައް ރޭގަނޑުގެ ވަގުތުތަކުގައި އަވަށުގެ އެކި ހިސާބުތަކުން ފެނިގެން މިހުން ބުރުން އުޅެއެވެ. މިކަމާބިރުން ގެއިން ބޭރަށް ނުކުންނަ މީހުންގެ އަދަދުވަނީ މި ވިލެޖުގައި ވަރަށްބޮޑަށް މަދުވެފައެވެ. އެރޫހުތައް ތިބެނީ ހުދުކުލައިގެ ފޭރާމެއްގައެވެ. މޫނުވެސް ހުންނަނީ ހުދުކުލައިގައެވެ.

އެހެންނަމަވެސް ހަޤީޤަތަކީ މިއީ އެމީހުންގެ ފްލޯކު ވާހަކަތަކުގައި އުޅޭފަދަ ރޫޙޫތަކެއް ނޫންކަމެވެ. އަދި މީ އެއްވެސް ޙާލެއްގައި ރޫޙާނީކަމެއްވެސް ނޫންކަމެވެ. މިއީ ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ އާދަޠާ ޚިލާފު ފިޔަވަޅެވެ.

ކޭޕޫ ވިލެޖުގައި ގެއިން ބޭރަށްނުކުމެއުޅޭ މީހުން ގެއަށް ވެއްދުމަށް އަމުރުކޮށް ނަސޭހަތްދޭކަށް ފުލުހުން ޔނީފޯމުގައި މަގުތަކުގައި ހަރަކާތްތެރިއެއްނުވެއެވެ. އެ ވިލެޖުގެ މަގުތަކުގައި މިކަން ކުރުމަށް އުޅެނީ ބިރުވެރި ރޫހުތަކެއްހެން ހެދުން އަޅައިގެން އުޅޭ ބައެކެވެ.

ބޮލާއެކު ހުދުކުލައިގެ ފޮތިގަނޑަކުން ނިވާވެގެން، މޫނުގައި ހުދު ފުށް ޖަހައިގެން، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ބަޔަކު މީހުން ސިހޭގޮތަށް އުޅޭނަމަ އެކަމާ ބިރުން ސިހޭނެއެވެ. މި ވިލެޖުގެ ޒުވާނުންގެ ގުރޫޕަކުން ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ މީހުން ބިރުގެންނެވުމުގެ މިޙަރަކާތަކީ ބޭރަށްނުކުމެއުޅޭ މީހުން މަދުކޮށް، ތަންތަނަށް މީހުން ޖަމާވެގެން ތިބޭ މިންވަރު މަދުކުރުމަށް ހިންގާ މުހިންމު ޙަރަކާތެކެވެ. އެމީހުން ޤަބޫލުކާގޮތުގައި މިޙަރަކާތް ކާމިޔާބެވެ. ކޮންމެއަކަސް ކޯވިޑް-19އާ ގުޅިގެން މީހުން ގެއަށް ވެއްދުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން މިއީ ތަފާތު ޙަރަކާތެކެވެ.

އިންޑޮނޭޝިއާއަކީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ އެއްޤައުމެވެ. އޭޝިއާގައި މިބަލީގައި މަރުވި މީހުންގެ ޢަދަދު ޗައިނާ އަށްފަހު ދެން އެންމެ ގިނައީ އިންޑޮނޭޝިއާގައެވެ.

ނަމަވެސް އެޤައުމު އަދިވެސް ފުރަބަންދަކަށް ނުދެއެވެ. އެޤައުމުގެ ސަރުކާރުންދަނީ އިޖްތިމާއީ ދުރުހެލިކަން ބެހެއްޓުމަށާއި، ސާފުތާހިރުކަން އިސްކުރުމަށް އިލްތިމާސްކުރަމުންނެވެ.

ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އެޅުން ލަސްވުމާއި އެކު "ކެޕޫ" ފަދަ ވިލެޖުތަކުންދަނީ އަމިއްލައަށް ރަށުތެރެ ޕެޓްރޯލްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ، އެގޮތުން ބައެއް ވިލެޖުތަކުން ވަނީ އަމިއްލައަށް ފުރަބަންދުވެ ވިލެޖުތަކަށް ވަދެ ނިކުތުންވެސް މަނާކޮށްފައެވެ.