ޚަބަރު

ކޯވިޑް-19 : ޙާލަތު ރަނގަޅުވަންދެން ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްކޮށްފި


ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތްކުރި، ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްކޮށްފިއެވެ. ކިންގް ސަލްމާން މިސްކިތް ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ކުރިން ނިންމާފައިވީނަމަވެސް ކޯވިޑް-19ގެ އާ ގުޅިގެން މިސްކިތް ހުޅުވުން ލަސްކޮށްކޮށްފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗަރއިން ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި އަދި ވަކިން ޚާއްސަކޮށް މާލޭގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްކޮށްފައިވާކަމަށެވެ. މިފަދަ ނިންމުމަކަށް އައިސްފައިވަނީ، މި ދަނޑިވަޅުގައި މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކުރެވިފައި ވުމުންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. ޕްލޭނިންގް ކިންގް ސަލްމާން މިސްކިތް އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ނިންމާ ކޮންޓްރެކްޓަރު މިސްކިތް ޕްލޭނިންގ މިނިސްޓްރީއާއި ހަވާލުކޮށްފައިވާކަން އެމިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ. މި ވަގުތު ކުރަމުންދަނީ މިސްކިތުގެ އާބާތުރަ ފިލުވުމާއި ފިނިޝިން މަސައްކަތް ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މިސްކިތް ބިނާކުރުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.

ކުރިން 6 ފަންގިފިލާއަށް އިމާރާތްކުރުމަށް ނިންމާފައިވީ ނަމަވެސް، މިސްކިތުގެ ފަރުމާއަށް ގެނެސްފައިވާ ބަދަލާއެކު އެއް ފަންގިފިލާ ވަނީ އުނިކޮށްފައެވެ. އަދި މިސްކިތުގެ ވަށައިގެންވާ 5 މުންނާރުގެ އުސްމިންވެސް ވަނީ ތިރިކޮށްފައެވެ. މި ބަދަލުތަކާއެކުވެސް މިސްކިތުގައި ޤާއިމުކުރާ ވަޞީލަތްތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއްނުވެއެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޟޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމުގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5 ވަނަ ފަންގިފިލާ ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.

މިސްކިތް ޒީނަތްތެރިކުރުމުގެގޮތުން ޗާންދަލިޔާތަކާއި ޢަރަބި ކަލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.