ޚަބަރު

ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތް ކުރުމަށް 4 ސިސްޓަމެއް ޕީޖީ އޮފީހުގައި


ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިޔުމަށް އޯޑިއޯ ވީޑިއޯ 4 ސިސްޓަމެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޤާއިމުކޮށްފިއެވެ.

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ މަސައްކަތް ހުއްޓުމެތްނެތި ކުރިޔަށް ގެންދިޔުމަށް ކަމާއި ގުޅޭ އިދާރާތަކާއި އެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އެގޮތުން ކޯވިޑް 19 ގެ މި ހާލަތާއި އެކު އުޅެން މި މަސައްކަތަށް ބޭނުންވާ އޯޑިއޯ ވީޑިއޯ 4 ސިސްޓަމެއް ބަހައްޓާ އެ ސިސްޓަމްތައް ޗެކްކޮށްފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް މިއަހަރުގެ ތެރޭގައި 10 ސިސްޓަމް ޕީޖީ އޮފީހުގައި ބެހެއްޓުމަށް ހަމަޖެހިފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ އެންމެ މަތީކޯޓް ސްޕްރީމް ކޯޓުން ޝަރީއައްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާނިންމުމަކީ ޝަރީޢަތް ކުރުމުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޕީޖީ ޝަމީމު ވަނީ ސިފަކުރައްވާފައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއުމާބެހޭ ޚާއްސަ ޤަވާޢިދެއް މިމަހުގެ 8 ވަނަ ދުވަހު އެކުލަވާލައި އެޤަވާޢިދަށް ޢަމަކުރުމަށް ސްޕްރީމް ކޯޓުންވެސް ވަނީ ނިންމަވާފައެވެ.

ޖޭއެސްސީންވެސް ވަނީ ކޯޓްތަކުގެ މަސައްކަތްތައް މިހާލަތުގައި ކުރެވޭނެ ގޮތްތަކެއް އެކުލަވާލާފައެވެ. އެގޮތުން ޝަރީއަތައްތައް ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ވަސީލަތްތައް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ހަމަޖައްސާ ޝަރީއަތްތައް ކުރިއަށްގެންދާނެ ގޮތުގެ އުސޫލުތަކެއް ޖޭއެސްސީިން ވަނީ އެކުލަވާލާފައެވެ.