ޚަބަރު

ކޯވިޑް-19 : ބެންގަލޫރާއި، ކޮޗިންގައި ތިބި ދިވެހިން ރާއްޖެއަށް ދަތުރު ފަށައިފި


ކޯވިޑް އާއި ގުޅިގެން އިންޑިޔާގެ ބެންގަލޫރާއި، ކޮޗިންގައި ނާދެވިފައި ތިބި 159 ދިވެހިން ރާއްޖެ އައުމަށް ދަތުރު ފަށައިފިއެވެ.

މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ އިންޑިޔާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް ނާދެވިފައިވާ 159 މީހަކު ގެނައުމަށްޓަކައި މިހާރު ދަތުރު ފަށާފައިވާކަމަށެވެ. މިމީހުން ގޮވައިގެން ރާއްޖެ އަންނަ ފްލައިޓް ޖައްސާނީ މިއަދު މެންދުރު އެކެއް ޖަހާއިރުއެވެ. އިންޑިޔާގެ ބެންގަލޫރާއި، ކޮޗިން އިން މިއަދު މާލެ އަންނާނީ އެ ޤައުމަށް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ގޮސްތިބި ދިވެހިންނެވެ.

މިއަދު ރާއްޖެ އަންނަ ހުރިހާ ދިވެހިންވެސް ފުރަތަމަ ގެންދާނީ 14 ދުވަހުގެ ކަރަންޓީން އަށެވެ. އަދި ކަރަންޓީންގެ މުއްދަތު ހަމަވުމަށްފަހު ދޫކޮށްލާނީ ކޯވިޑަށް ޓެސްޓުކުރުމަށްފަހުއެވެ.

ރާއްޖެއިން ބޭރުގެ 4 ޤައުމެއްގައި ތިބި ދިވެހިން ވަނީ ރާއްޖެ ގެނެސްފައި

- ސްރީލަންކާގައި ތިބި 100 މީހުން
- އިންޑިޔާގެ ޓްރިވެންޑްރަމްގައި ތިބި 205 މީހުން
- އިންޑިޔާގެ ކޮޗިންގައި ތިބި 188 މީހުން
- މެލޭޝިއާގައި ތިބި 197 މީހުން
- ނޭޕާލްގައި ތައުލީމު ހާސިލްކުރަމުންދިޔަ 35 ދަރިވަރަކު

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން 725 ދިވެހިން މިހާތަނަށް ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މިއަދު ގެންނަ 159 މީހުންނާއިއެކު ބޭރުގައި ތިބި 884 ދިވެހިން ރާއްޖެ އައީއެވެ.

ބަންގްލަދޭޝްގައި ތިބި ދިވެހިންވެސް ރާއްޖެ ގެނައުމުގެ މަޝްވަރާ ކުރަމުންދާކަން (އެންއީއޯސީ) ވަނީ ހާމަކޮށްފައެވެ.

މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބި މީހުންގެ ތެރެއިން ކޮންމެެހެން އަންނަން ނުޖެހޭ ފަރާތަތައް އެ ގައުމެއްގައި މަޑުކޮށް، ހާލުގައި ތިބި ފަރާތްތަަކަށް ފުރުސަތު ދެއްވުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ވަނީ އިލްތިމާސްކުރައްވާފައެވެ.