ކޯވިޑް-19ގެ ޙާލަތު އެންމެ ނުރައްކާތެރި ހިސާބަށް ހިނގައްޖެނަމަ ފަރުވާދިނުމަށް ބޭނުންކުރާ ވެންޓިލޭޓަރު ގަތުމަށް އެވޯޑްކޮށްފައިވާނީ ކުއްލި ޙާލަތުގައި ތަކެތި ގަތުމަށް ފައިސާ ޚަރަދުކުރެވޭގޮތަށް މާލިއްޔަތު ޤަވާއިދުގައި ބުނާ އުސޫލުގެ ތެރެއިންކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަފުޅު ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ވެންޓިލޭޓަރު ހޯދުމަށް އެވޯޓްކޮށްފައިވާ އެއްވެސް ކުންފުންޏަކަށް މިހާތަނަށް އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާނެކަމަށެވެ.
މަބްރޫކް މިކަން ހާމަކުރައްވާފައި މިވަނީ ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށްބުނެ ބައެއް މީހުން ވާހަކަދައްކާފައި ވަނިކޮށެވެ.
މަބްރޫކް ވިދާޅުވީ 135 ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ މަސައްކަތްކުރައްވަމުންދާކަމަށެވެ. އެގޮތުން 50 ވެންޓިލޭޓަރު ގެނައުމަށް އެއް ކުންފުންޏަކާ، އަދި 20 ވެންޓިލޭޓަރު ގެނައުމަށް އެހެން ކުންފުންޏަކާ ހަވާލުކުރައްވާފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ކުންފުންޏަކަށް ވެންޓިލޭޓަރު ގެނައުމަށް ފައިސާ ދޫކޮށްފައި ނުވާނެކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޑަބްލިއު އެޗްއީގެ އެހީތެރިކަމާއެކު 65 އައިސީޔޫ ސްޓެޗަނަރީ ވެންޓިލޭޓަރާއި 10 ޕޯޓެބަލް ވެންޓިލޭޓަރު ގެނައުމަށްވެސް ކުންފުންޏަކާ ހަވާލުކުރައްވާފައިވާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، އެކުންފުންޏަށް އެޑްވާންސްގެ ގޮތުގައި %75 ފައިސާ ދޫކޮށްފައިވާނެކަަމަށެވެ.
"135 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތްކުރޭ. މާލިއްޔަތު ޤަވާއިދުގެ 10.26 ދަށުން ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައެޅިފައިވާ ޤަވާއިދުގެ ތެރެއިން މިކަން ކުރަމުންދަނީ." މަބްރޫކް ވިދާޅުވިއެވެ.
މާލެއާއި އަތޮޅުތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށް މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރެވެ. އަދި މިހާތަނަށް 6 ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވާއިރު އޭގެ ތެރެއިން 4 ވެންޓިލޭޓަރު ޚާއްޞަކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދިނުމަށެވެ. 6 ވެންޓިލޭޓަރު ގެނައުމަށް 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަބްރޫކް ވިދާޅުވީ، އެއްވެސް ކަމެއްގައި ކޮރަޕްޝަން ހިމެނޭނަމަ އެކަމަށް ޚައްޞަ މުއައްސަސާތައް މެދުވެރިކޮށް އެފަދަ މައްސަލަތައް ބަލަމުންދާނެކަމަށެވެ. އަދި މިސަރުކާރަކީ ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ދެއްވާނެ ސަރުކާރެއް ނޫންކަމަށެވެ.