ޚަބަރު

ފިލިޕީންސްއިން ރާއްޖެ އައި މީހުންގެ ކަރަންޓީނު މުއްދަތު އިތުރުކޮށްފި


ފިލިޕީންސްއާއި އިނގިރޭސި ވިލާތުން ރާއްޖެގެނައި ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކޮށްފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ފިލިޕީންސްއިން ރާއްޖެ އައިސް ކަރަަންޓީނު ފެސިލިޓީގައި ހުރި މީހަކު ދޫކޮށްލަން ހެދި ޓެސްޓް ކޯވިޑް-19އަށް ޕޮޒިޓިވްވުމުން އެރިޔަދޫ ކަރަންޓިން ފެސިލިޓީގައި ތިބި މީހުންނާމެދު އިތުރު ގޮތެއް ނިންމާފައިވާކަމަށެވެ.

އެރަށުގައި ތިބި ފިލިޕީންސްއާއި އިނގިރޭސި ވިލާތުން އައި މީހުން އެބަތިބިކަމަށާއި އެއެންމެންނަކީ އެއް ފްލައިޓެއްގައި ދަތުރުކުރި މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން އެ އެންމެންގެ ކަރަންޓީން މުއްދަތު އިތުރުކޮށް ދޫކޮށްލާއިރު ކޯވިޑް-19އަށް ޓެސްޓްވެސް ކުރެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ފިލިޕީންސް އާއި އިނގިރޭސިވިލާތުން ދޯހާގަ ޓްރާންސިޓްކޮށް އެއްފަލައިޓެއްގައި މި އެންމެން ދަތުރުކުރީ. ޓެގް ގެ ފަރާތުން ނިންމީ މިކަމުގައި ބަލަންޖެހޭ އިތުރު ކަންކަން ބަލަންޖެހޭކަމަށް. އެމީހުން އެރިޔަދޫގައި ތިބިއިރުވެސް އެއްވެސް މީހަކު ދިމާވެފައިވޭތޯ. މިއަދު ދޫކޮށްލަން ތިބި މީހުންގެ 14 ދުވަސް ހަމަވީމަވެސް ކަރަންޓީންގައި ބޭތިއްބުމަށް ނިންމީ އެންމެންގެ ސަލާމަތަށްޓަކައި." މަބްރޫކް ވިދާޅުވިއެވެ.

އެންމެ ފަހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މިހާއަކީ ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލްއިން ޕޮޒިޓިވްކަމަށް ދެއްކި މީހެއްކަމުން އޭނާގެ ކަރަންޓީން މުއްދަތު ހަމަވެގެން މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލިނަމަ އެތައް ބަޔަކަށް ނުރައްކަލާ ކުރިމަތިލާންޖެހުނީސްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި މަބްރޫކް ވިދާޅުވީ، ރާއްޖެއިން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ރާއްޖެ އަންނަ އެންމެން ކަރަންޓީންކޮށް 14 ދުވަސް ހަމަކުރުމާއެކު ބައްޔަށް ޓެސްޓްކުރުންކަމަށެވެ.

ފިލިޕީންސްގައި ކިޔަވަންތިބި 47 ދަރިވަރަކު މިދިޔަ މަހުގެ 27ވަނަ ދުވަހު ރާއްޖެ ގެނެސްފައިވެއެވެ. ރާއްޖެއިން މިހާތަނަށް އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ފިލިޕީންސްއިން ރާއްޖެއައިސް ކަރަންޓީންގައި ހުރި މީހެކެވެ.