ޚަބަރު

ކޯވިޑް-19 : ރާއްޖޭގެ ޙާލަތާއި ގުޅޭގޮތުން މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވައިފި


ކޯވިޑް-19އާ ގުޅިގެން މިހާރު ރާއްޖޭގެ ޙާލަތު އޮތްގޮތާއި ކުރިއަށް އޮތްތާނގައި ސަރުކާރުން އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅުތަކާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ބައްދަލުވުމުގައި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ ދަތިތަކުން އަރައިގަތުމަށް އެކިދާއިރާތަކުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި މިހާރުންމިހާރަށް އެޅިދާނެ ފިޔަވަޅުތަކާމެދުވެސް ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ، ކޯވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އަދި ކޯވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ހިލޭސާބަހަށް މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި އެހުރިހާ ފަރާތްތަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ފާއިތުވި 3 ހަފްތާގައި ސަރުކާރުގެ އޮފީސްތަކާއި ސްކޫލް މަދަރުސާތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތައް ވަނީ ބަންދުކޮށްފައެވެ. އަދި އޮފީސްތަކުން ކޮންމެހެން ފޯރުކޮށްދޭ ޚިދުމަތެއް ފޯރުކޮށްދިނުމުގައިވެސް އެކަމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ބޭނުންކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށްTަކައި މިދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުތުމަށާއި، ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.