އައިއޯއައިޖީ

ބޭނުންވަނީ މޮޅުވާން، ހަމައެކަނި ބައިވެރިވުމެއްނޫން- ރައީސް


ބޭނުންވަނީ މުބާރާތްތަކުން މޮޅުވާން ކަމަށާއި ހަމައެކަނި ބައިވެރިވާކަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންޓިންޖެންޓް ފުރުމުގެ ކުރިން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ޓީމްތަކާއި އެތްލީޓުން ތިބީ ވަރަށް ރަނގަޅަށް މި ގޭމްސްއަށް ތައްޔާރުވެކަމަށާއި އެހެންކަމުން ދެން ބޭނުންވާ އަމާޒަކީ މެޑެލްކަމަށެވެ." ދިވެހިރާއްޖޭގެ ފެންވަރުން މިކުރެވެނީ ވަރަށްބޮޑު މަސައްކަތެއް. ކުޅިވަރަކީ އަޅުގަނޑުމެންނަށް އެހާބޮޑު އުފާވެރިކަމަކަށް ވާއިރު މިނިވަން 50ގެ އުފާ އަޅުގަނޑުމެންނަށް މިކުޅިވަރުތަކުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަން. " މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެތްލީޓުންނަކީ ފަންނުވެރި ، ހުނަރުހުރި އެތްލީޓުން ކަމަށާއި އެކާމިޔާބީ މިފަހަރު ޙާސިލް ކޮށްފިނަމަ އެއެތްލީޓުންނަށް ސަރުކާރުން ބޯނަހެއް ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ." އަޅުގަނޑަށް އެނގޭ އެތްލީޓުންގެ އަދި ޓީމްތަކުގެ އެކްސްޕެކްޓޭޝަންތަކެއް އެބަހުރިކަން. ކުޅިވަރުކުޅެނީ ބައިވެރިވާކަށްނޫން. ކުޅިވަރު ކުޅެނީ ރީތިކޮށް ކުޅޭކަށެއްވެސްނޫން. އަޅުގަނޑުގެ ވިސްނުމުގައި ކުޅިވަރު ކުޅެނީ މޮޅުވުމަށް. އަޅުގަނޑުމެން މަސައްކަތްކުރަނީ ރަންމެޑަލް ހޯދަން. އެހެންނަމަވެސް އަޅުގަނޑު މިދަންނަވަނީ ބައިވެރިވާ ހުރިހާ ޓީމްތަކުން، ހުރިހަ ކުޅިވަރަކުން މެޑަލް ލިބޭނެ ވާހަކައެއްނޫން. އެހެންނަމަވެސް ކުޅިވަރު ކުޅޭކަމަށް ވަންޏާ ޢަޒުމެއް އޮންނަންވާނެ. " މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ކުޅިވަރު ކުޅޭތާ އެތައް ދުވަހެއް ވެއްޖެކަމަށާއި ދެން ބޭނުންވަނީ ކާމިޔާބީ ކަމަށް." ކުރިބޯއްޓާ ހަމަޔަށް ވާސިލްވުމަށް އަޅުގަނޑުމެން މިކުޅެނީ. އަޅުގަނޑުމެން މިކުޅެނީ ދަނޑުގެ ހަވާސާގައި ތިބެގެން ކުޅިބަލާކަށެއްނޫން. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.އިންޑިއަން އައިލެންޑް އޯޝަން ގޭމްސްއަށް ރީޔޫނިއަންއަށް ފުރި ދިވެހި ކޮންޓިންޖެންޓްގައި ސަތޭކަ ސާޅީހަށްވުރެ ގިނަ އެތްލީޓުންނާއި އޮފިޝަލުންނާއި ނޫސްވެރިންނާއެކު ޖުމްލަ ދުއިސައްތަ ހަތްދިހައަށްވުރެ ގިނަ ފަރާތްތަތަކެއް ވަނީ ބައިވެރިވެފައެވެ.