ރިޕޯޓް

ކޯވިޑް-19 : ދިރިއުޅުމުގެ އާދަތަކާއި ވައްޓަފާޅި ބަދަލު ކުރުން ނޫން ފަރުވާއެއް ނެތް


ފާއިތުވި ސަތޭކައެއްހާ އަހަރުގެ ތެރޭގައި މުޅިދުނިޔޭގައި ޤާއިމްވަމުން އައި އިޤުތިޞާދީ އިޖުތިމާއި އަދި އާއްމު ދިރިއުޅުމުގެ އުސޫލުތައް އެކޮޅުކޮޅުން ޖަހާލީ ލޮލަށްވެސް ނުފެންނަ ކުޑަކުޑަ ވައިރަހެކެވެ. އިޤުތިޞާދުތައް ފުނޑުފުނޑުކޮށްލައި، އާއިލީ އަދި އިޖުތިމާއީ ގުޅުންތައް ދުރުކޮށްލި މިވައިރަހާއި އެކު މުޅި އިންސާނީ ނަސްލު ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ދުނިޔެއަށް ކުރިމަތިވި މި އާލަމީ ވަބާއިން މިންޖު ވެވޭނެ ދުވަހެއް އަދި އޮތީ ހަމަ ލަފާކުރުމެވެ.

ކޯވިޑް-19އަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ނުލިބި ހޭދަވާ ކޮންމެ ސިކުންތަކީ އިންސާނުން ބިނާކުރަމުން އައި މިޒަމާނުގެ ހަޟާރަތު ފުނޑުފުނޑުވަމުންދާ ދުވަހެކެވެ. ބޮޑެތި ކުންފުނިތަކާއި ކުދި ކުންފުނިތައް ބަނގުރޫޓުވެ، ދަނޑުބިންތައް ހަލާކުވެ، އެތައް ބައެއްގެ ވަޒީފާތައް ގެއްލި އިޖުތިމާއީ އިޤުތިޞާދީ ކާރިސާތަކާއި އެކު ދުނިޔެއަށް ހައިހޫނުކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.

ކޯވިޑް-19އަށް އަދި އޮތީ އެންމެ ހައްލެކެވެ. އެއީ މިބައްޔާއި އެކު ދިރިއުޅެން ދަސްކުރުމެވެ. ސިނާއީ މަސައްކަތްތަކާއި އިދާރީ ހިންގުމުމާއި އުނގަންނައިދިނުމުގެ ވައްޓަފާޅި ބަދަލުކުރުމާއި، ދިރިއުޅުމުގެ އާދަތަކާއި އިޖުތިމާއި އާދަތަކާއި މުނިފޫހި ފިލުވުމުގެ ކަންކަން އަދި ކެއިން ބުއިމަށްވެސް ބަދަލު ގެނައުމެވެ.

ރާއްޖެއަށްވެސް އޮތީ އެފަރުވާއެވެ. ދިވެހިންނަށްވެސް އޮތީ އާދަތައް ބަދަލު ކުރުމެވެ. ބަލި ރައްކާތެރިވެ އުޅެވޭނެ ގޮތްތައް ދަސްކުރުމެވެ. ކުރިން ދިރިއުޅުނު ފަދައިން ދެން ދިރިއުޅެވޭކަށް ނެތެވެ.

ރާއްޖެއަކީ ޤުދުރަތީގޮތުންވެސް ޚާއްސަ ރައްކާތެރިކަމަކާއި އިނާޔަތްތެރިކަމެއް ލިބިފައިވާ ޖަޒީރާޤައުމެކެވެ. ސަރުކާރުން އަޅުއްވަމުން ގެންދަވާއި ހަރުދަނާ ފިޔަވަޅު ތަކާއި އެކުގައި، ރާއްޖޭގައި ބަލި ފެތުރިގެން ދިޔަ ނުދީ އޮތީ ކޮންޓްރޯލް ވެފައެވެ. އެއާއި އެކު ބައެއް މީހުން ހާލަތާއި މެދު ދެކޭގޮތް ބަދަލުވެ ފަރުވާ ކުޑަކޮށްލައިފިނަމަ، ކުރިމަތިވެދާނެ ނުރައްކާ މާބޮޑު ކަމުގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ އަންޑާސެކްރެޓަރީ، އަދި ކޯވިޑުގެ މައުލޫމާތު އާއްމު ކުރުމަށް ކަނޑައެޅުއްވި ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވިއެވެ.

" މިބަލިން އަރައިގަނެވިއްޖެކަމަށް އަޅުގަނޑުމެންނަށް މިހާރު ނިންމިއްޖިއްޔާ، އެއްށްވުރެ ގޯސްކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. އަޅުގަނޑުމެން މިކަމުގައި އަމަލު ކުރަމުން އަންނަގޮތް، ޤައުމެއްގެ ގޮތުގައި، ރައްޔިތެއްގެ ގޮތުގައި ބަދަލު ނުކުރުން، އަދި ވިހާވެސް ބޮޑަކަށް ސަމާލުވެ ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް." މަބުރޫކު ވިދާޅުވިއެވެ.

މަބުރޫކު ވިދާޅުވީ، ހަފްތާއެއްހާ ދުވަހު، ވަކިވަގުތުތަކެއްގައި މަގުމައްޗަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުން އުވާލީވެސް ރާއްޖެއަށް އޮތް ނުރައްކާ ކުޑަވެގެން ނޫންކަމަށެވެ. އަދި މިބަލި ދުނިޔޭގައި އިތުރަށް އެތައް މަހެއް ވާންދެން އުޅޭނެ ކަމުގައި ކަމާއި ބެހޭ މާހިރުން ގެންދަވަނީ ވިދާޅުވަމުން ކަން މަބުރޫކު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން އެބަ އާދަވާންޖެހޭ އާގޮތަކަށް ދިރިއުޅެން. އަދި އާކަންތައްތަކަށް ސަމާލުވެގެން ކޮންމެ ދުވަހަކު އުޅެން. މިބަލިން ރާއްޖެއަށް އަރައިގަނެވޭނެ ދުވަހެއް ދެއްކެވުމަކީ، އަޅުގަނޑުގެވެސް ދުއާ" މަބުރޫކު ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން މިބަލިން ރައްކާތެރިވުމަށް ޑޮކްޓަރުންވެސް އެންމެ ބާރުއަޅުއްވަމުން ގެންދަވަނީ، ދިރިއުޅުމުގެ އާދަތައް ބަދަލު ކުރުމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލައި ކޯވިޑްގެ ކުރިން ދިރިއުޅެމުން އައި ގޮތަށް އިއާދަވެވެން ނެތްކަމުގައި ޑޮކްޓަރުންވެސް ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ.

ރާއްޖޭގައި މަޑުމަޑުން ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، މިހާރު އަޅާފައިޥާ ފިޔަވަޅުތަކަށްވެސް ލުއިދެވެން ނެތްކަމުގައި، ޑރ މޫސާ މުރާދު ވިދާޅުވިއެވެ.

"އަދިވެސް އަޅުގަނޑުމެން އެބަޖެހޭ ވަރަށް ހޭލާ ތިބެން. ސީރިއަސްކަން ކުޑަކޮށް ނުވަތަ އަޅުގަނޑުމެން ވިސްނާ ވިސްނުން ލުއިކޮށްގެން އަދިހަމަ އެއްގޮތަކަށްވެސް ކަމަކުދާކަށް އޮތްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ" ޑރ މޫސާ މުރާދު ވިދާޅުވިއެވެ.

އެހެންކަމުން ކޯވިޑް-19އަށް އޮތް ފަރުވާއަކީ މި ބަލިން ރައްކާތެރިވެގެން އުޅެން ދަސްކުރުމެވެ. އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި އެކު ގިނަގިނައިން އަތްދޮވުމެވެ. އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމެވެ. ޟަރޫރަތެއް ނެތި ބޭރަށް ނުކުމެ ނޫޅުމާއި، ބައްދަލުވުންތަކާއި އެއްވުންތަކާއި ހަފުލާތައް ނުބޭއްވުމެވެ. ހޮޓާ ރެސްޓޯރެންޓްތަކުގައި ތިބެ ކެއިން ބުއިމުގެ އާދަތައް ދޫކޮށްލުމާއި، އޮންލައިންކޮށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމެވެ. އުނގަންނައި ދިނުމަށް ވާޗުއަލް ޕްލެޓްފޯމްތައް ޤާއިމްކުރުމެވެ. އޮފީސްތަކުން ޚިދުމަތްތައް ހޯދުން އޮންލައިން ކުރުމާއި އޮފީސް މާހައުލުގައި މަސައްކަތް ކުރުމުގެ ބަދަލުގައި ވީހާވެސް ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މަގުފަހިކުރުމެވެ.