މާލޭގައި އެއްތަނެއްގައި ތޮއްޖެހިގެން ގިނަ ޢަދަދެއްގެ ބިދޭސީން ދިރިއުޅުމުގެ ސަބަބުން ދިމާނާ މައްސަލަތައް ހައްލުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީންނަށް ޚާއްސަ އެކޮމޮޑޭޝަން ބްލޮކެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ފެށި މިމަސައްކަތް ކުރިއަށް ދާގޮތް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަޑައިގެން ބައްލަވާލައްވާފައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަމާ ގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ މި މަޗްރޫޢުގެދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 700 މީހުންގެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމަށްވަނީ ނިންމަވާފައެވެ. 2 ބުރިއަށް ހަދަން ނިންމަފައިވާ މިއެކޮމޮޑޭޝަން ބްލޮކްތަކަކީ ޕްރީފެބްރިކޭޓެޑް ހައުސިން ބްލޮކްތަކެއްކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. ވަގުތީގޮތުން ހަދާ މި އެކޮމޮޑޭޝަން ބްލޮކްތައް ހެދުމަށް ތަކެތި ހަދިޔާކޮށްފައިވަނީ އެމްޕީއެލްއިންނެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ކުރިއަށް އޮތް 20 ދުވަހުގެތެރޭގައި މިމަސައްކަތް ނިންމައި ބިދޭސީންނަށް އެތަނުގައި ތިބެވޭނެ ގޮތް ހެދުމަކީ އަމާޒުކަމަށެވެ. އެކޮމޮޑޭޝަން ބްލޮކް ރޭވުމުގެ މަސައްކަތްކުރަނީ ހުޅުމާލޭގައި މަސައްކަތްކުރާ ޗައިނާގެ ބައެއް ކޮންޓްރެކްޓަރުންނާއި އެޗްޑީސީގެ މުވައްޒަފުން ގުޅިގެންކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ ކޯވިޑް-19ގއ ނުރައްކަލުން ސަލާމަތްވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެތެރެއިން މާލޭގެ އެކިތަންތަނުގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީން އެކި ތަންތަނަށް ބަދަލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެތެރެއިން މިއަދު ހުޅުމާލެއަށް 200 މީހުން ބަދަލުކޮށްފައި ވާކަމަށެވެ. މާލެ ސިޓީ ކައުންސިލާއި އިމިގްރޭޝަނާއި ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މިމަސައްކަތުގައި މިއަދު މީހުން ބަދަލުކޮށްފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުސްކޮށްހުރި އެކޮމޮޑޭޝަން ބްލޮކަކަށެވެ. ސުހައިލް ވިދާޅުވީ އެތަނުގައި އިތުރު 600 މީހުން އަދިވެސް ބޭތިއްބޭނެކަމަށެވެ.
ކޯވިޑް-19 ބަލިފެތުރިގެން ހިނގައިދާނެ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތް ބެލުމުގެ މަސައްކަތް މާލެ ސީޓީ ކައުންސިލުން ކުރަން ފެށީ މިދިޔަ މަހުގެތެރޭގައެވެ. އެގޮތުން ތޮއްޖެހިގެން ދިރިއުޅޭ ގިނަ ޢަދަދެއްގެ ބިދޭސީން ތިބުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެފަދަ ތަންތަނުގައި ދިރިއުޅޭ ބިދޭސީން ހުޅުމާލެއާއި ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވާނެކަން ސަރުކާރުންވަނީ ކުރިން އިޢުލާން ކުރައްވާފައެވެ.