ރަސްމާލެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދަޢުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޕޯސަލްގެ ދަށުން ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލާ ގުޅިގެން ލިޔުމުން ދެއްވި ޖަވާބުގައެވެ.
އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ރިއަލް އެސްޓޭޓް މަޝްރޫޢެއް ހިންގުމަށް އެކުވެރި އަރަބި އިމާރާތުގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާއެކު ސޮއިކޮށްފައިވަނީ ކޮމާޝަލް ޓްރޭޑް އެގްރީމެންޓެއްގެ ދަށުން ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދަޢުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫޢުތަކާ ގުޅޭ އުސޫލު ނުވަތަ ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޕޯސަލްގެ ދަށުން ކަމަށެވެ.
ވަޒީރުގެ ޖަވާބުގައި މި މަޝްރޫޢުގެ ސަބަބުން ދިވެހި ދައުލަތަށް ލިބޭނެ އާމްދަނީއަށް އަދި ފައިދާތަކަަށް ވަނީ އިޝާރާތްކުރައްވާފައެވެ. އެގޮތުން ބިމުގެ ޕްރީމިއަމްގެ ގޮތުގައި ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީން %10 ނުވަތަ 3.1 ބިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާއިރު، އާމްދަނީން ދައްކަންޖެހޭ ފައިސާގެ ތެރެއިން އެޑްވާންސްކޮށް 500 މިލިޔަން ޑޮލަރު ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫއުތަކަށް ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ޑިިވެލޮޕަރުގެ ހުރިހާ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަންވާނީ އޮން-ޝޯ ކޮށް ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދީފައިވާ ބޭންކެއް މެދުވެރިކޮށެވެ. އޭގެ ސަބަބުން ޑިވެލޮޕަރު ދިވެހި ފައިސާއިން އަގު ދައްކާ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާނީ ބޭރު ފައިސާ ދިވެހިރާއްޖޭގެ ބޭންކަކަށް މާރުކުރުމަށްފަހުގައެވެ.
ދިވެހި ރާއްޖޭގެއަކީ ފަރުވެރިކަމުގެ އެންމެ މަތީ ފަންތީގެ މަންޒިލެއްކަން ފާހަގަކުރައްވާ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، ފަތުރުވެރިންނަށް ސެކަންޑް-ހޯމް ނުވަތަ ހޮލިޑޭ ހޯމް ވިއްކުމަށް ތަފާތު އެކި ނަން ނަމުގައި މަޝްރޫޢު ހިންގުމަށް އެކި ގޮތްގޮތަށް ސަރުކާރުތަކުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެފަދަ މަޝްރޫޢެއް ކާމިޔާބު ކަމާއެކު ހިންގޭނީ، ސެކަންޑް-ހޯމް ނުވަތަ ހޮލިޑޭ ހޯމް ވިއްކާ ތަނަކީ އެފަދަ ތަނެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ތަފާތު އެކިއެކި ޚިދުމަތްތައް ލިބޭ ތަނަކަށް ވެގެންކަން ފާހަގަކުރައްވާ، މި މަޝްރޫޢަކީ އެފަދަ އެންމެހައި ވަޞީލަތްތައް ހެދިގެން ހިންގާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢު ހިންގުމަށްޓަކައި، ދުނިޔޭގެ އެހެން ތަންތާގައި މިފަދަ މަޝްރޫޢު ހިންގާފައިވާ ގޮތްތަކާއި ހިންގަމުންދާ ގޮތްބަލައިފައިވާނެ ކަމަށާއި، މި މަޝްރޫޢުން އުފައްދާ ޕްރޮޕަޓީތައް ދުނިޔޭގެ ބާޒާރުގައި ވިކޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.