ޚަބަރު

ދުބާއީން 7.4 ޓަނުގެ މުދާ ރާއްޖެ ގެނެސްފި


ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ ދުބާއީން 7.4 ޓަނުގެ މުދާ މޯލްޑިވިއަންގެ ފްލައިޓުގައި ރޭ ރާއްޖެއަށް ގެނެސްފިއެވެ.

ރޭ ދުބާއިން ގެނައި ކާގޯގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތަރުކާރީއާއި މޭވާއާއި އެންމެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ މުދަލެވެ.

ކޯވިޑް-19 ދުނިޔޭގެ ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެ ފެށުމުން ބައިނަލްއަޤްވާމީ ދަތުރުފަތުގެ ނިޒާމް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ވީހިނދު ކޯވިޑް-19 ގެ މިހާލަތުގައި ރާއްޖެއަށް ބޭނުންވާ މުދާ މެދު ނުކެނޑި ގެނައުމުގެ މަސައްކަތް ޤައުމީ އެއަރލައިނުން ގެންދަނީ ކުރަމުންނެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަނުން ކުރި ޓުވީޓު --

މޯލްޑީވިއަންނުން ވަނީ ތައިލެންޑުގެ ބެންކޮކާއި، ސްރީލަންކާގެ ކޮލޮމްބޯ، އަދި އިންޑިއާގެ ޓްރިވެންޑްރަމާއި ޗެންނާއީއަށް ޝެޑިއުލް ކާގޯ ދަތުރުތަކެއް ކޮންމެ ހަފުތާއަކުވެސް ކުރަމުން ގެންދާނެކަން ހާމަކޮށްފައެވެ.

އިންޑިއާއިންވެސް އެކްސްޕޯޓް މެދުކަނޑާލާފައިވީ ނަމަވެސް ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ބޭހާ އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ވަނީ ދިފައެވެ. އެހެންކަމުން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.