ކޯވިޑް-19

ކޯވިޑް-19 : އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ


ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ދޫކޮށްފައިވާ ފުލެޓް، ގޯތި އަދި ރޯހައުސްތަކުގެ ކުލި އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެޗްޑީސީން މި އިންތިޒާމް ހަމަޖައްސާފައިވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދާއި އެއްގޮތަށް، އެ ކޯޕަރޭޝަންގެ މެއިން ކައުންޓަރަށް އައިސް ޚިދުމަތް ހޯދުމުގެ ބަދަލުގައި، ގޭގައި އޮންލައިންކޮށް ޚިދުމަތައް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން ފައިސާ ދައްކާ ފްލެޓު، ގޯތި ނުވަތަ ރޯހައުންސްގެ ތަފްޞީލާއެކު ބީ.އެމް.އެލްގެ އެކައުންޓް ނަންބަރު 003-134831-7701 އަށް ޓްރާންސްފަރކުރުމަށްފަހު، ރިސިޓްކޮޅު 7290448 އަށް ވައިބަރ ކުރެއްވުމަށް އެޗް.ޑީ.ސީން ވަނީ އެދިފައެވެ.

ހުޅުމާލޭ ފްލެޓާއި، ގޯތި އަދި ރޯހައުސްތަކުގެ ކުލި އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް އެޗް.ޑީ.ސީއިން ހަމަޖައްސާފައިވާއިރު، ދޫކޮށްފައިވާ ފްލެޓާއި، ގޯތިތަކާއި، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި ސިނާޢީ ބިންތަކަށް އެއްބަސްވުމުގެ ދަށުން މިއަހަރުގެ އޭޕްރީލް މަހާއި މޭ މަހު ދައްކަންޖެހޭ ކުލީގެ %30 އަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

ދެ މަހުގެ ކުއްޔަށްވާ ފައިސާގެ ތިރީސް އިންސައްތަ ދެއްކުން ފަސްކޮށްދެވޭނީ، އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތަކުގެ ތެރެއިން، މިކަމަށް އެދި އެ ކޯޕަރޭޝަނަށް ފޯމު ހަށަހަޅާ ފަރާތްތަކަށްކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ.