ޚަބަރު

ރާއްޖެ ގެންނަ ވެންޓިލޭޓަރުތަކުގެ މައްސަލައިގަ މިނިސްޓަރާ ސުވާލުކުރަން ހުށައަޅައިފި


ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލައިގަ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއި ގިނަ ސުވާލުތަކެއް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް މަޖިލީހަށް ހުށައަޅުއްވާފައިވާ މި މައްސަލައިގަ އޭނާ ވަނީ ހެލްތު މިނިސްޓަރާއި ދިހަ ސުވާލެއް ކުރުމަށް މަޖިލީހުގެ ރައީސަށް ހުށައަޅާފައެވެ. ހައިތަމް ހުށައެޅުއްވި މައްސަލައިގަވަނީ ވެންޓިލޭޓަރުގެ މައްސަލައިގަ ބޭނުންވާ މަޢުލޫމާތު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ލިބޭނެ ގޮތް ހައްދަވައިދެއްވުން އެދޭކަމަށެވެ.

އެ ސުވާލުތަކުގެ ތެރޭގައި ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް ދޭތޯއާއި، އެކަމުގެ މަސައކަތް ކުރިއަށްދާ ގޮތަކީ ކޮބައިކަން ސާފްކުރުން ހިމެެނެއެވެ. އަދި ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާނަމަ އެކަން މިހާރު ކުރިއަށްދާގޮތަކީ ކޮބައިކަމާއި، ބިޑްކޮށްގެން ކުރިއަށް ގެންދާނަމަ ބިޑްކުރި ފަރާތްތަކުގެ ޢަދަދު ސާފްކުރަންވެސް ހައިތަމް ހުށައަޅުއްވާފައިވާ ސުވާލުތަކުގައި ވެއެވެ. އަދި ވެންޓިލޭޓަރުތައް ރާއްޖެެއަށް ލިބޭނެ ދުވަހެއްވެސް ހޯދުމަށް މި މައްސަލައިގަ ހިމަނާފައިވެއެވެ.

ސަރުކާރުން ކުރިން ހާމަކޮށްފައިވަނީ ރާއްޖޭގައި ދުއިސައްތަ ވެންޓިލޭޓަރު ޤާއިމްކުރުމަކީ އަމާޒެއްކަމަށެވެ. އެގޮތުން ހަތްދިހަ ވެންޓިލޭޓަރު ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. އެ ތަކެތި ލިބުން ލަސްވަނީ ބައިނަލްއަޤްވާމީ ދަތުރުފަތުރު ހުއްޓިފައި އޮތުމުގެ ސަބަބުންކަމަށްވެސް ކުރިން ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލަތު އެންމެ ގޯސްވާ މީހުންނަށް ފަރުވާދޭނީ ވެންޓިލޭޓަރުގެ އެހީގައެވެ.