ތަރައްްޤީ

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކޮށްދޭނެ ފަރާތެއް ހޯދަނީ


ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކުރުމަށް ނިންމާފައިވަނީ އެ މަޝްރޫޢު ޑިޒައިންކޮށް، އިންޖިނިއަރިންގެ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަންގެ މަސައްކަތާއި، އަދި ޕްރޮކިއުމަންޓުގެ މަސައްކަތްތަކެއް ކޮންޓްރެކްޓަރ އަމިއްލައަށް ކުރާ ގޮތަށެވެ.

މި މަސައްކަތް ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފިކޭޝަނަށް ކުރިމަތިލުމުގެ ދަޢުވަތު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަން ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް އީ.އައި.އޭ ރިޕޯޓު އަލުން މުރާޖައާ ކުރުމަށްފަހު އެކަމުގެ ހުއްދަ އެންވަޔަރަމަންޓް މިނިސްޓަރ ދެއްވާފައިވަނީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ.

3200 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމާ ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުއެވެ. އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި މި މަޝްރޫޢަށް ޔޫ.އޭ.އީން އެހީ ހަމަޖެހިފައިވާކަންވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.