ވިޔަފާރި

ވިލާތުގެ އިއްތިޙާދުން ރާއްޖެއަށް 3 މިލިއަން ޔޫރޯގެ ހިލޭ އެހީ


ވިލާތުގެ އިއްތިޙާދުން ރާއްޖެއަށް 3 މިލިއަން ޔޫރޯގެ ހިލޭ އެހީ ދިނުމަށް ނިންމައިފިއެވެ.

މީގެތެރެއިން އެއް މިލިއަން ޔޫރޯ އަކީ ސިއްޙީ ދާއިރާއަށް ދޭ އެހީއެކެވެ. އަދި ބާކީ ދެ މިލިއަން ޔޫރޯ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތެއް ދޭ އެހީއެކެވެ. މިކަން އިޢުލާން ކޮށްފައިވަނީ ވިލާތުގެ އިއްތިޙާދުގެ ރަސްމީ ވެބްސައިޓުގައެވެ.

އެވެބްސައިޓްގައިވާ ނޫސްބަޔާނެއްގައި ވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވިލާތުގެ އިއްތިޙާދާއި އެ އިއްތިޙާދުގެ މެމްބަރު ޤައުމުތަކުން ބަލައިގަންނަ ކަމަށެވެ. އަދި ރާއްޖޭގައި ތިބި ވިލާތުގެ ފަތުރުވެރިން އަބުރައި އެމީހުންގެ ޤައުމުތަކަށް ގެންދިޔުމުގައި ރާއްޖެއިން ކޮށްދިން މަސައްކަތްތައް ބަލައިގަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވިލާތުގެ އިއްތިޙާދުންދަނީ އެކި ޤައުމުތަކުގައި ކޯވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ޤައުމުތަކަށް މާލީގޮތުންވަމުންދާ ގެއްލުންތަށް ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖެއަށް ދޭން ނިންމާފައިވާ އެހީއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިއެހީއަކީ ރާއްޖެއާއި ވިލާތުގެ އިއްތިޙާދާ ދެމެދު އޮތް ގާތްގުޅުން ދައްކުވައިދޭ ހެއްކެއްކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

ވިލާތުގެ އިއްތިޙާދުން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މިނުތަނަވަސް ދަނޑިވަޅުގައި، އެ އިއްތިޙާދާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށެވެ. އަދި މިއެހީއާއެކު ރާއްޖޭގެ ސިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ސިނާއަތަށް ފައިދާ ކުރާނެ ކަމަށް ޤަބޫލް ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.