ޚަބަރު

ކޯވިޑް-19 : ބަލީގެ އަލާމާތްތަކެއް ހުރި ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރަނީ


ރާއްޖެއިން ފުރިފަހުން ކޯވިޑް19 އަށް ޕޮޒިޓިވްވި ބިދޭސީއަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދިވެއްސެއްގެ ކިބައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފއެވެ.

އެޗްޕީއޭއިން ވިދާޅުވީ ޓެސްޓްގެ ނަތީޖާ ލިބެންދެން އެ މީހާ ކަރަންޓީން ފެސިލިޓީއެއްގައި ބެހެއްޓިފައި ވާކަމަށެވެ.

މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ދަތުރުކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާ އައި ކޮންޓެކްޓްވި މީހުން ހޯދައި އެކަހެރިކޮށްފައެވެ. މިގޮތުން މިހާތަނަށް އޭނައާ ކޮންޓެކްޓްވި 33 މީހަކު އެކަހެރިކޮށްފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވާފައިވެއެވެ.

އެ މީހާއާއި ކޮންޓެކްޓްވި މީހުންގެ ތެރޭގައި އެމީހާ ހުރި ރިޒޯޓުގެ މުވައްޒަފުންނާއި އެމީހާ ގޮވައިގެން ދަތުރުކުރި ކުރޫ އާއި އެއަރޕޯޓް ގްރައުންޑް ސްޓާފުން ހިމެނެއެވެ. އަދި އެ މީހުންގެ ތެރެއިން 21 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

ރާއްޖެއަށް ދަތުރުކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެމީހާ މަސައްކަތް ކުރި ޖޯލި މޯލްޑިވްސް ރިސޯޓާއި، ރ.އަތޮޅު ބޮޑުފުށި ރިސޯޓް މިހާރު އޮތީ ކޮންޓެކްޓް ޓްރޭސްކޮށް ނިމެންދެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 19 މީހެކެވެ. އޭގެ ތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. އޭގެތެރެއިން 13 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އަނެއް ދެމީހުން ތިބީ ރާއްޖެއިން ބޭރުގައެވެ. މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުން ދަނީ މި ބައްޔަށް ޕޮޒިޓިވްވި 4 ދިވެހިން އެކަންޏެވެ. މި 4 ދިވެހިންވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ އިގިރޭސިވިލާތުން އެނބުރި ރާއްޖެ އައުމުން ބައްޔަށް ޓެސްޓު ކުރުމުންނެވެ. މިއެންމެގެ ހާލުވެސް ރަގަނޅުކަމަށް އެމީހުން ބަލަހައްޓަމުންދާ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.