ޚަބަރު

ކޯވިޑް-19 : ކޯޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކެއް ކަނޑައަޅުއްވައިފި


ރާއްޖޭގައި މިހާރު އޮތް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ކަނޑައަޅާފައެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށް މައިގަނޑު 4 ކަމެއް ނިންމާފައެވެ. އެގޮތުން ސުޕީރިއާ ކޯޓުތަކުންނާއި އިސްތިއުނާފް މަރުޙަލާގެ ކޯޓުތަކުން، މިހާލަތުގައި ޝަރީއަތްތައް ހިންގާނެގޮތުގެ އުސޫލުތައް އެކުލަވާލައި އެއުސޫލުތަކާ އެއްގޮތަށް، ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް އެންގެވުމަށްވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ކޯޓުތަކުން ކަނޑައަޅާ ޢާންމުކުރާ އުސޫލާ އެއްގޮތަށް މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދީ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށްވެސް ވަނީ ނިންމަވާފައެވެ. މެޖިސްޓްރޭޓް ކޯޓުތަކުން ސަރުކާރު ބަންދުކޮށްފައިވާ މިމުއްދަތުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުންނާއެކު މަޝްވަރާކޮށް އެކުލަވާލުމަށް އެޑިޕާރޓްމަންޓަށް އެންގުމަށްވެސް ވަނީ ނިންމަވާފައެވެ.

ޝަރީޢަތްތައް ހިންގުމަށް ކޯޓު ހުޅުވައިގެން މަސައްކަތް ކުރުމުގައި ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންގެ ސަލާމަތަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައި ރައްކާތެރި މަސައްކަތު މާހައުލެއް އޮންނާނެހެން ކޯޓުގެ އިދާރީ ހުރިހާ ކަމެއް ރޭއްވެވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެނެގެވުމަށްވެސް މިއަދުގެ ބައްދަލުުވުމުގައި ވަނީ ނިންމަވާފައެވެ.