ތަރައްްޤީ

ފުވައްމުލައް ސިޓީ ރިންގް ރޯޑުގެ މަސައްކަތް އޯގަސްޓް މަހަށް ނިންމާލެވޭނެ - އެމް.ޓީ.ސީ.ސީ


ފުވައްމުލައް ސިޓީގެ ރިންގް ރޯޑު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ރިންގްރޯޑު ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗުމަހުގެ 27 ވަނަ ދުވަހުއެވެ. އަދި ރިންގްރޯޑު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 17 ވަނަ ދުވަހުއެވެ.

މި މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި ގުޅޭގޮތުން އެކުންފުނިން ވިދާޅުވީ، ފުވައްމުލައް ސިޓީގެ ރިންގް ރޯޑުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، މިހާރުވެސް މަސައްކަތުގެ 87 އިންސައްތަ އެއްކޮށް ނިމިފައިވާކަމަށެވެ. މިމަސައްކަތުގެ ދަށުން ފުވައްމުލަކު ނައިބުތުއްތު ހިނގުމުގެ 2.7 ކިލޯމީޓަރުގައި ތާރު އަޅައި، ސްޕީޑް ބްރޭކަރު ހަރުކޮށް ލެޑް ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުގެ ދެ ފަރާތުން 10 ހާސް ސްކޮއަރ މީޓަރަށް ވުރެ ބޮޑު ސަރަޙައްދެއްގައި ޕޭވްމަންޓް އަޅާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

ފުވައްމުލައް ރިންގްރޯޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް އިންސްޓޯލްކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި 123 ލެޑް ލައިޓް ހަރުކޮށް، ރޯޑް މާކިންގްތަކާއި، ސްޕީޑް ބްރޭކަރުތައްވެސް ހަރުކުރެވޭނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

މިއީ ދަޢުލަތުގެ ބަޖެޓުން 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ފުވައްމުލައް ސިޓީ ރިންގްރޯޑު ތަރައްޤީކުރުމުގެ އިތުރުން އެ ސިޓީގެ އެތެރޭގެ މަގުތައް ހިމެނޭހެން 16 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.