ޚަބަރު

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް


ކަނޑުމައްޗަށް ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއަދުގެ މިހާތަނަށް ކޯސްޓްގާޑާއި، ޑައިވަރުންނާއި، ސްނޯކްލިންއަށް ގޮސް މިމީހާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށެވެ. އަދި މިއަދުވެސް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޯތުއޭރިޔާ ކޯސްޓްގާޑްގެ ޑައިވަރުން ދަނީ ކުރަމުންނެވެ. ކޯސްޓްގާޑް ލޯންޗު ދަނީ އޭނާ ގެއްލުނު އޭރިޔާގެ ކަނޑުގެ ސަރަހައްދު ބަލަމުންނެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިމީހާ ހޯދުމަށް ކޯސްޓްގާޑްގެ ޑައިވަރުން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާއިރު ކޯސްޓްގާޑްގެ ލޯންޗު މެދުވެރިކޮށް މިހާތަނަށް 48،542،000 ސްކުއަރ މީޓަރުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި މިހާތަނަށް މިމީހާ ހޯދުމަށް ޑައިވަރުން މެދުވެރިކޮށްވެސް އެކި ފަހަރުމަތީން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ

ޖީ ޑަބްލިއު މެރިޓް މޯލްޑިވްސްގައި މަސައްކަތްކުރަމުންދިޔަ އިންޑިޔާއަށް ނިސްބަތްވާ 30 އަހަރުގެ މިމީހާ ގެއްލުމުން ރިޒޯޓްގެ ސީސީޓީވީ ކެމެރާ ބެލިބެލުމުން އެމީހާ ފޯންކޯލެއްގައި ހުރެފައި ރިޒޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލިތަން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.