ޚަބަރު

ކޯވިޑް-19 : ފައިސާ ޗާޕްކުރުމުގެ އެއްވެސް ވިސްނުމެއް ނެތް - ގަވަރުނަރު


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިޤްތިޞާދީގޮތުން ދަތިތަކަކާއި ކުރިމަތިވަމުންދިޔަނަމަވެސް މި ދަނޑިވަޅުގައި ފައިސާ ޗާޕްކުރުމުގެ އެއްވެސް ވިސްނުމެއް އަދި ނުގެންގުޅުއްވާކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މަޖިލީހަށް ހުށައަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން އެމްއެމްއޭގެ ގަވަރުނާރާއި ބައްދަލުކުރައްވައި ކުރެއްވި ސުވާލުތަކުގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ މިހާލަތުގައި ފައިސާ ޗާޕްކުރެއްވުމުގެ އެއްވެސް ވިސްނުމެއް ނުގެން ގުޅުއްވާކަމަށެވެ.

ދުނިޔޭގެ ހުރިހާ ޤާއުމެއްގެ މަރުކަޒީ ބޭންކުތަކުންވެސް އިޤްތިޞާދީ ހާލަތު އެންމެ ދަށްވާ ހާލަތުގައިވެސް ފައިސާ ޗާޕްކުރުމަކީ ނުކުރާކަމެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އިޤްތިޞާދީ ގޮތުން އެންމެ ފުދުންތެރި އަދި ވަސީލަތްތައް ގިނަ ޤައުމުތަކުގައިވެސް ފައިސާ ޗާޕްކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެޤައުމެއްގެ އިޤްތިޞާދީ ބުރަދަނަށް ވަރަށްބޮޑަށް ރިޢާޔަތްކުރައްވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ބޮޑެތި ޤައުމުތަކުގައި މިގޮތަށް ފައިސާ ޗާޕްކުރިނަމަވެސް އެޤައުމުތަކުގެ އެތެރޭގައި ހުރި ވަސީލަތްތަކާއި، މަސައްކަތްތައް ބޭނުންކޮށްގެން އެ ހާލަތުން އަރައިގަތުމުގެ ފުރުޞަތު އޮތްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި ފައިސާ ޗާޕްކޮށްގެން އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކެއް ނެތްކަން ގަވަރުނަރު ޢަލީ ހާޝިމް ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ އިމްޕޯޓްދަށް، އެކްސްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު މިފަދަ ހާލަތެއްގައި ޕްލޭންކުރެވި ދުރާލައި ކަންކަންވާނެގޮތަކަށް ބަލައި ޕްލޭންތަކެއް ހެދުމަކީ މުހިންމުކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑްގެ މިހާލަތަށް ރިޢާޔަތްކޮށް ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ތެރެއިން އެންމެ ގޯސްވާނެ ހާލަތަކަށްވެސް ރިޢާޔަތްކޮށް އެމްއެމްއޭއިން ޕްލޭނެއް އެކުލަވާލާފައިވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އަދި އެހާލަތަށް ގޮސްފިނަމަ އެމްއެމްއޭއިން ދީފައިވާ ލަފާގެ މަތީންކަންކަން ކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްކަމަށްވެސް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓްގައި މިއަހަރަށް ބޭރުގެ އެހީގެގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ފައިސާތައް ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން އެމްއެމްއޭއަށް ވަނީ ދީފައެވެ. އޭގެ ތެރެއިން މިހާތަނަށް އެއްބަސްވެ ނުލިބިފައިވާ 50 މިލިޔަން ޑޮލަރު ކުރިއަށް އޮތް 3 މަސްތެރޭގައި ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

ޤަވަރުނަރު ވިދާޅުވީ މިހާލަތުގައި ރާއްޖޭގެ ސޮވެރިން ޑިވެލޮޕްމަންޓް ބޮންޑަށް އެއްވެސް ބަދަލެއްގެނައުމަށް ވިސްނާފައިނުވާކަމަށެވެ. އަދި ބޮންޑު ވިއްކުމުގެ ވިސްނުމެއްވެސް ނުގެންގުޅުއްވާކަމަށެވެ. އަދި މިހާރު ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑުގައި 1.8 ބިލިޔަން ރުފިޔާ ހުރިކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ހުއްޓިފައިވާއިރު އިޤްތިޞާދީގޮތުން ޤައުމަށް ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖުތަކެއް ތަޢާރަފްކޮށް ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމުގެ މަސައްކަތް ފަށާފައެވެ.