ވިޔަފާރި

އުއްމީދީ ވާހަކަތަކަކާއެކު ސޯނޫގެ ތަޢުރީފް ސަރުކާރަށް


ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އަންނަމުންދާއިރު، ރާއްޖެފަދަ އާމްދަނީ ލިބޭނެ ވަޞީލަތްތައް މަދު، ފަތުރުވެރިކަމަށް ހަމައެކަނި ބަރޯސާވެފައިވާ ޤައުމަކަށް މިކަމުގެ ސަބަބުން ކުރިމަތިވާނޭ ގެއްލުން ކިތަންމެހާވެސް ބޮޑެވެ. ފަތުރުވެރިން އައުން ހުއްޓިފައިވާއިރު، ގިނަ ރިސޯޓްތައް ވަނީ ބަންދުކޮށް، މުވައްޒަފުންނަށް ޗުއްޓީ ދީފައެވެ. އަދި ފަތުރުވެރިކަމާއި ސީދާގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ ހުރިހާ ސިނާޢަތްތަކަކަށް މިކަމުގެ އަސަރު އެކި ގޮތްގޮތުން ދަނީ ކުރަމުންނެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ރާއްޖޭގެ ރިސޯޓްތައް ހުޅުވި، ފަތުރުވެރިން އައިސްގެން ނޫނީ ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާނޭ ގެއްލުން ކުޑަކުރެވޭކަށް ނެތެވެ.

ރާއްޖެއާއި ތައިލެންޑުގައި ރިސޯޓްތައް ހިންގާ މަޝްހޫރު ސޮނެވޭ ރިސޯޓްސްގެ ބާނީ އަދި ސީއީއޯ ސޯނޫ ސިވްދާސަން ދެކެވަޑައިގަންނަވާ ގޮތުގައި ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވާ ގެއްލުންތަކުން އަރައިގަނެ، ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކެއް އެބަހުއްޓެވެ.

ކޯވިޑް19އާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމުން އަރައިގަނެ، އިޤްތިޞާދީ ދުވެލި އަލުން ބާރު ކުރަން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ސޯނޫ ދެކެވަޑައިގަންނަވާ ގޮތް އޭނާ ހިއްސާކޮށްފައިވަނީ މަޝްހޫރު ޓްރެވަލް ޓްރޭޑް މޯލްޑިވްސް ވެބްސައިޓުގައި ޝާޢިއުކުރި އާޓިކަލްއެއްގައެވެ.

1995 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ސޯނޫ ވިދާޅުވީ ކޯވިޑް19 އިން ރާއްކާތެރިވުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ތަޢުރީފް ހައްޤު މަސައްކަތްތަކެއްކަމަށެވެ. ޔޫރަޕާއި އެމެރިކާގައި ކޮންޓްރޯލެއް ނެތި ކޯވިޑް19 ފެތުރި، އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު މަރުވަމުންދާއިރު، ރާއްޖެއިން ކޯވިޑް19 އެއްކޮށް ނައްތާލުމާ ދިމާލަށް މިސްރާބު ޖަހާފައިވާކަން ސޯނޫ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގެ ލީޑަރުން ކޯވިޑް19އަކީ ޖޯކަކަށް ހަދައިގެން އަޅާނުލާ ދޫކޮށްލިއިރު، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އެޅުއްވި އަވަސް ފިޔަވަޅުތައް ސޯނޫ ވަނީ ތަޢުރީފްކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަކީ އިޤްތިޞާދީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ފިޔަވަޅުތަކެއް ނަމަވެސް، އެއީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެންވެސް އަޅަން މުހިއްމު ފިޔަވަޅުތަކެއްކަން އެނގިގެން ހިނގައްޖެކަމަށް ސޯނޫ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިން ކޯވިޑް19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ހޯދަމުންދާ ކާމިޔާބީއަކީ ނަސީބަކުން ލިބޭ އެއްޗެއް ނޫންކަމަށާއި، އެއީ ސަރުކާރުން ކުރާ ބުރަ މަސައްކަތުގެ ނަތީޖާކަމަށް ސޯނޫ ފާހަގަކުރެއްވިއެވެ.

ސޯނޫގެ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ދެން ކުރަންޖެހޭ މަސައްކަތަކީ ރާއްޖެއިން އެއްކޮށް ކޮރޯނާވައިރަސް ނައްތާލެވުމުން، އަލުން ފަތުރުވެރިން ގެނައުމުގެ މަސައްކަތެވެ. އެމަސައްކަތް ކުރުމުގައިވެސް ކޯވިޑް19އާ ދެކޮޅަށް ސަރުކާރުން މަސައްކަތްކުރެއްވި ފަދައިން، ވިސްނުންތެރިކަމާއެކު ކުރިއަށްގޮސްފިނަމަ ކާމިޔާބުވާނޭކަމަށް ސޯނޫ ވިދާޅުވެފައިވެއެވެ.

ސޯނޫ ދެކެވަޑައިގަންނަވާ ގޮތުގައި ޝެޑިއުލް ފްލައިޓްތަކުގައި އެއްފަހަރާ ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމުގެ ބަދަލުގައި، ޕްރައިވެޓް ޖެޓްތަކުގައި މުއްސަނދި ފަތުރުވެރިން ގެނެސްގެން މަޑުމަޑުން ފަތުރުވެރިކަން އަލުން ފެށިދާނެއެވެ. އަދި އެމީހުން ރިސޯޓްތަކަށް ފޮނުވުމުގެ ކުރިން ކޮރޯނާއަށް ޓެސްޓްކުރެވޭނެއެވެ. ޕޮޒިޓިވްވެއްޖެނަމަ ރާއްޖޭގެ ހިތްޤައިމު ކަރަންޓީން ފެސިލިޓީއަކަށް ފޮނުވާލެވިދާނެއެވެ. މައްސަލައެއް ނޫޅޭނަމަ ޗުއްޓީއައިގެން ކުރިއަށްދާންވީއެވެ.

ސޯނޫ ވިދާޅުވީ ޕްރައިވެޓް ޖެޓްގައި އެގޮތަށް ރާއްޖެއަށް އަންނަން ބޭނުންވާ އެތައް މުއްސަނދިންނެއް އެބަތިބިކަމަށެވެ. އަދި އޭނާގެ ރިސޯޓަށްވެސް އެފަދަ 20 ހުށަހެޅުމެއް ލިބިފައިވާކަމަށާއި އެމީހުން ތިބީ މަހެއްހާ ދުވަސް ރާއްޖޭގައި ހޭދަކުރުމަށް ތައްޔާރަށްކަމަށް ސޯނޫ ވިދާޅުވިއެވެ. އަދި އެފަތުރުވެރިން ރާއްޖޭގައި 5 މިލިއަނެއްހާ ޑޮލަރު ހޭދަކުރާއިރު، އޭގެއިން 6 ލައްކަ ޑޮލަރު ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭނެކަން ސޯނޫ ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމުގެ ބަދަލުގައި، މަދު އަދަދެއްގެ މުއްސަނދި ފަތުރުވެރިންތަކެއް ރާއްޖެއަށް ގެނެސްގެން ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް ސޯނޫ ވިދާޅުވިއެވެ.

ސޯނޫ ޤަބޫލުކުރައްވާ ގޮތުގައި މުއްސަނދި ފަތުރުވެރިން ނޫނަސް، ވައިރަސްއަށް ޕޮސިޓިވްވި މީހުން އެންމެ މަދު ޤައުމުތަކުން ފަތުރުވެރިން ގެނެވިދާނެއެވެ. އެގޮތުން ވައިރަސް އެއްކޮށް ނައްތާލެވިފައިވާ ޤައުމުތަކުންނާއި ވަރަށް މަދުން ވައިރަސް ފެނުނު ޤައުމުތަކުން ފަތުރުވެރިން ވަކި އުސޫލެއްގެ ތެރެއިން ގެނެވިދާނެކަން ސޯނޫ ފާހަގަކުރެއްވިއެވެ.

ސޯނޫ ވިދާޅުވާ ގޮތުގައި ރާއްޖޭގައި ކޯވިޑް19 ފެތުރުން ކޮންޓްރޯލްކުރުމުގައި ސަރުކާރުން ދަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ. ނަމަވެސް އެކާމިޔާބީއަކީ އިޤްތިޞާދީގޮތުން ޤުރުބާނީތަކެއްވެގެން ލިބެމުންދާ ކާމިޔާބީތަކެއްކަމަށް ސޯނޫ ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާޢަތަށް އަރައިނުގަނެވޭނެފަދަ ބޮޑު ގެއްލުމެއް ކުރިމަތިވުމުގެ ކުރިން ރާއްޖެއަށް އަލުން ފަތުރުވެރިން ގެނެސް، ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ހިންގަން ފަށަންޖެހޭކަމަށް ސޯނޫ ވިދާޅުވިއެވެ. އަދި އަލުން ފަތުރުވެރިން ގެނައުމުގެ ގޮންޖެހުން ބޮޑު މަސައްކަތް ސަރުކާރުން ފަށާނަމަ، ކޯވިޑް19 ކޮންޓްރޯލްކުރުމުގައި ގެންގުޅުއްވާ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަން ބޭނުންކޮށްފިނަމަ ކޯވިޑް19އިން ރާއްޖެއަށް އިޤްތިޞާދީގޮތުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެކަމަށް ސޯނޫ ޤަބޫލުކުރައްވައެވެ.