ޚަބަރު

މުއްދަތުގެ ތެރޭގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިލްތިމާސްކޮށްފި


  • ވޯޓާސް ލިސްޓަށް ގިނައިން ޝަކުވާ ހުށަހަޅާނީ ވޯޓުލާ ދުވަހު

  • މުއްދަތު ހަމަވުމަށްފަހު ވޯޓާސް ލިސްޓަށް ބަދަލު ގެނައުމުގެ އިހުތިޔާރު ކޮމިޝަނަށް ނުލިބޭ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ބަލައި، ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.

އެ ކޮމިޝަނުން މިގޮތަށް އިލްތިމާސްކުރެއްވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ބައި-އިލެކްޝަނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޝަހުލާ އިސްމާޢީލް ވިދާޅުވީ ވޯޓުދިނުމުގެ ޙައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ބޭނުމަކީ ސައްޙަ ރަޖިސްޓްރީއެއް ވޯޓުލާ މަރުކަޒުތަކަށް ފޮނުވައި އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން ކަމަށެވެ. ނަމަވެސް އަދިވެސް ގިނަ އިންތިޚާބުތަކުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލި ނަމަވެސް އެ ޝަކުވާތައް ހުށަހަޅަނީ ވޯޓުލާން މަރުކަޒަށް ދިއުމަށްފަހު ކަންކަން ފާހަގަކުރެވިގެން ކަމަށް ވިދާޅުވިއެވެ.

ޝަހުލާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރާ ވޯޓާސް ލިސްޓަކީ ޑީއެންއާރުން އެ ކޮމިޝަނާ ހިއްސާކުރާ ރަޖިސްޓްރީއަށް ބިނާކޮށް އާންމުކުރާ ލިސްޓެއް ކަމަށާއި މީހަކު ނިޔާވެފައިވިނަމަވެސް ވަގުތުން އެކަން ކޮމިޝަނަށް އެނގި، ލިސްޓަށް ބަދަލު ގެނެެވޭނެ އިންތިޒާމުތަކެއް މިހާތަނަށް ހަމަޖެހިފައިނުވާ ކަމަށެވެ. އެހެންވެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާ މުއްދަތުގައި އެ ލިސްޓު ބަލައި، ޝަކުވާ ހުށަހެޅުން މުހިންމު ކަމަށާއި އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޝަހުލާ އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މި މުއްދަތުތައް ހަމަވުމަށްފަހު ޤާނޫނު އޮންނަގޮތުން ވޯޓުލާ މަރުކަޒަށް ފޮނުވާއިރު އެ މުއްދަތުގެފަހުން ވޯޓާސް ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ގެނައުމުގެ އިޙްތިޔާރެއް އިލެކްޝަންސް ކޮމިޝަނަކަށް ނޯވޭ. އިންތިޚާބެއްގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީއަކީ ހަގީގަތުގައި އިންތިޚާބުގެ އިންޓަގްރިޓީ (ނަޒާހަތްތެރިކަން) އާމެދު ރައްޔިތުންގެ އިތުބާރުގެ ޔަގީންކަން ކަށަވަރުކޮށްދޭ އެއްޗަކަށްވާއިރު އަޅުގަނޑުމެންނަށް އެކަން ކަށަވަރުކުރެވެން އޮންނަނީ ވޯޓުލާ މީހުންގެ އެހީތެރިކަމާއެކު،" ޝަހުލާ ވިދާޅުވިއެވެ.

ޝަހުލާ ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާ މުއްދަތުގައި ސިޔާސީ ޕާޓީތަކުންވެސް އިންތިޚާބު އޮންނަ ދާއިރާތަކުގެ ރައްޔިތުން ހޭލުންތެރިކޮށް، މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ސިޔާސީ ޕާޓީތަކަށްވެސް ވަކިން ޝަކުވާ ހުށަހެޅޭނެކަން ފާހަގަކުރެއްވިއެވެ.

އަންނަ މަހުގެ 28ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަންގައި ޖުމްލަ 4،429 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. ވޯޓުލެވޭ މީހުންގެ ލިސްޓު މިހާރު އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 24ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00އާ ހަމައަށެވެ.