ޚަބަރު

ދުވަސް ފަށަނީ ޓާސްކް ފޯހުން، ނިމެނީ ރައީސްގެ އިރުޝާދުން - އަމީން


މިއަހަރުގެ ދުނިޔޭގެ ސިއްޙަތު ދުވަސް ދުނިޔާއި ބައްދަލުކުރީ ކޯވިޑް19ގެ ނުރައްކާތެރި ޙާލަތުގެތެރެއިންނެވެ. ރާއްޖެއިން ކޯވިޑް 19ގެ ފުރަތަމަ ބަލިމިހާ ފެނުނުތާ އިއްތިފާޤުން މިއަދަށް މިވީ 30 ދުވަހެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހާއި ގުޅިގެން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ ވޭތުވެރިދިޔަ 30 ދުވަހަކީ މުޅި ދުނިޔެއާއި ރާއްޖެއަށްވެސް ހިތްދަތި ދުވަސްތަކެއްކަމަށެވެ.

މިޙާލަތުގައި ރާއްޖެއިން މަސައްކަތްކުރަނީ ކޯވިޑް-19އަކީ މުޖުތަމަޢުގެ ތެރެއަށް ފެތުރިގެން ދިއުމުގެ ނުރައްކާ އިންތިހާއަށް ބޮޑު ބައްޔެއްކަން ވިސްނައިގެންކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މިޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަކީ އެތައް ބައެއްގެ ޤުރުބާނީކަން މިނިސްޓަރ އަމީންވަނީ ފާހަގަކުރައްވާފައެވެ.

"އެތައް ސަތޭކަ މީހުން މިމަސައްކަތް ކުރަނީ ތިޔަ ފަރާތްތަކުގެ ޙައްގުގައި. ކޮންމެ ދުވަހަކު ހެންދުނު މަސައްކަތް ފަށަނީ ޤައުމީ ޓާސްކް ފޯހުން. އަދި މަސައްކަތް ނިމެނީ ރައީސްގެ އިރުޝާދުން. ރެއާއި ދުވާލު މަސައްކަތުގައި އުޅެނީ އެންމެންގެ ސަލާމަތަށް. ޑޮކްޓަރުން ނަރުހުން، އެތައް ސަތޭކަ ފުލުހުން، މިކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ ދޭ އިރުޝާދުތައް އަހައި ގޭގައި މަޑުކޮށްގެން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ހިނގުންވަނީ ހުއްޓުމަކަށް އައިސްފައެވެ. ދުނިޔޭގެ ޢިޤްތިޞާދަށް ދަނީ ހީވެސް ނުކުރާހާ މިންވަރަށް ހީނަރުކަމާ ކުރިމަތިވަމުންނެވެ. މިފަދަ އެތައް ކަންކަމާއެކު އިޖްތިމާޢީ އެތަށް މައްސަލައަކަށް ފަރުދުން ހުށައެޅިދާނެކަމުގެ ބިރު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިޙާލަތަށް ނުދިއުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

"1800އަށްވުރެ ގިނަ ޓެސްޓް ރާއްޖެއިން ކޮށްފިން. 1700އަށްވުރެ ގިނަ މީހުން އެކަހެރިކުރެވިއްޖެ. އެތަށް ޢިމާރާތަކާއި އުޅަނދެއް ކަރަންޓިން ކުރެވުނު. 30އަށްވުރެ ގިނަ އަމުރު ނެރެވިއްޖެ. އަދިވެސް މިކަމުގައި ގިނަ ދުވަސްތަކެއް ހޭދަވާނެ. ދިވެހިން އެކުގައި ކެތްތެރިވެގެން ތިއްބަވާ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިއަހަރަކީ ޢާއްމު ސިއްޙަތުގެ ޙާލަތު ރަނގަޅުކުރުމަށް ޢަމާޒު ހިފާފައިވާ އަހަރަށްވުމާއެކު މިއަހަރުގެ ސިއްޙަތުދުވަސް ޚާއްކޮށްފައިވަނީ ނަރުހުންނާއި ފޫޅުމައިންނަށެވެ.

"މިފަދަ ވަގުތެއް ބައްދަލުކުރާއިރު ނަރުހުންދަނީ އެންމެ ކުރީސަފުގައި މަސައްކަތް ކުރަމުން. މިއެހީ ފާހަގަކޮށް އެކަމުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރަން. އަދި ޢާއްމު ސިއްޙަތުގެ ދުޅަހެޔޮކަން އިތުރުކުރަން ފޫޅުމައިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި މިއޮތް ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތުން އަރައިގަތުމަށް ސިއްޙީ އެހީތެރިން ކުރައްވަމުންދާ މަސައްކަތަށް ކުރިއެރުން ހޯދޭނީ ޢާއްމު ރައްޔިތުންގެ އެއްބާރުލުމާއެކު އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.