ޚަބަރު

ބައެއް ރިޒޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ ދީފި


4 ރިޒޯޓާއި 15 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ދީފިއެވެ.

ކޯވިޑް 19އާ ގުޅިގެން ރިޒޯޓްތައް ބަންދުކުރަން ނިންމީ، ކޯވިޑް 19ގެ ކޭސްތަކެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނުނީ ރިޒޯޓްތަކުންކަމަށް ވުމުންނެވެ.

މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ރިޒޯޓްތަކަކީ،

* މަލަހިނި ކުޑަބަނޑޮސް
* ބްރެނިއާ ކޮށްޓަފަރު
* ރަހާ ރިޒޯޓް
* ފޯ ސީޒަން ޕްރައިވެޓް އައިލެންޑް މޯލްޑިވްސް

މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ސަފާރީތަކަކީ،

* ސްޓެއްލާ 2
* ހަމަތި
* އޯވަ ރީފް
* ސީ ކޮރަލް ވޮއޭޖަސް މޯލްޑިވްސް
* މެޖިކް ލޭންޑް މޯލްޑިވްސް
* ތެއިއާ ސަފާރީ
* ކޮންޓެމެކްސް
* އައްސިދަ ސަފާރީ
* ލިއޯ
* ނޯއާ ސަފާރީ
* ސްޓެއްލާ 1
* އެންސިސް ފެސިލިޓީ
* ސޮލެއިލް 1
* ޕްރިންސަސް ނޫރް
* ދަ މޯލްޑިވްސް މޮސައިކް ސަފާރީ

ރިޒޯޓްތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ ދިނުމާއި ގުޅޭ އުސޫލެއް ޓުއަރިޒަމް މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީންވަނީ ކަނޑައަޅާފައެވެ. މި އުސޫލުގެދަށުން ރާއްޖޭގެ ހުރިހާ ރިޒޯޓްތަކާއި ސަފާރީތަކާއިމެދު ޢަމަލުކުރާނީ އެއް އުސޫލަކުންނެވެ. އެގޮތުން ރިޒޯޓްގައި ހުރި އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސްވެ އަދި އެރިޒޯޓުގެ މުޢައްޒަފެއްގެ ގައިން ކޯވިޑްގެ އަލާމާތެއް ނުފެންނަ ނަމަ އެ ރިޒޯޓުން މީހުން ފޭބުމުގެ ހުއްދަ ދޭނެއެވެ.

ރިޒޯޓްތަކުގެ އިތުރަށް ސަފާރީތަކުގައި ތިބި މުޢައްޒަފުންނަށްވެސް ސަފާރީން ފޭބޭނީ އެންމެ ފަހު ފަތުރުވެރިޔާ ސަފާރީން ފޭބިތާ 14 ދުވަސްވެ، ބަލީގެ އަލާމާތެއް ސަފާރީން ނުފެންނަ ނަމައެވެ.

މި އުސޫލުގެ ދަށުން ރިޒޯޓާއި ސަފާރީން މުޢައްޒަފުން ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދިން މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މިފަރާތްތަކަށް ރިޒޯޓުން ބޭރުވެވޭނީ ބަލީގެ އަލާމާތެއް ނެތްކަން ކަށަވަރުކުރުމަށް އިތުރު ހެލްތު ސްކްރީނިންގއެއް ހެދުމަށްފަހުއެވެ. މިއީ ރަށްރަށުގައި ތިބި އާއްމުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެކެވެ.

ރިޒޯޓްތަކުން މީހުން ނުފޭބުމަށް އެންގުމާ ގުޅިގެން ބައެއް ފަރާތްތަކުން އޭގެ ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައިވެއެވެ. އަދި އެންމެގުމާއި ޚިލާފަށް ބައެއް މުޢައްޒަފުން ރިޒޯޓް އަދި ސަފާރީތަކުން ފައިބާފައިވާތީ، އެމީހުންނަށް ފުލުހުން ފިޔަވަޅުވެސް އަޅާފައިވެއެވެ.