ޚަބަރު

ކޯވިޑް-19 : މާރޗް މަހު ގެވެށި އަނިޔާއާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް މަދު - ޖެންޑަރ މިނިސްޓަރ


މިދިޔަ މަހުގެ ތެރޭގައި ގެވެށި އަނިޔާއާއި، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ހުށަހެޅި މިންވަރު މަދުވެފައިވާކަމަށް ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރެޝަން ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ މިއަހަރުގެ ފާއިތިވެދިޔަ 3 މަސްދުވަހުވެސް ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް އެމިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. ޞިއްޙީގޮތުން ކުރިމަތިވެފައިމިވާ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް މިމައްސަލަތައް ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ދަނޑިވަޅުގައިވެސް ކުޑަކުދިންނާ ގުޅުންހުރި މައްސަލައެއް ވިޔަސް އަދި ގެވެށި އަނިޔާގެ މައްސަލައެއް ވިޔަސް 1412އަށް ގުޅައިގެން މައްސަލަ ހުށަހެޅޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ އެއްވެސް މައްސަލައެއް އޮތްނަމަ ލަސްނުކޮށް ހުށަހެޅުމަށްވެސް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

ފާއިތުވެދިޔަ 3 މަސްދުވަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްސީލް ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ގެވެށިއަނިޔާގެ ގޮތުގައި ތިން މަސްދުވަހުގެތެރޭގައި ހުށަހަޅާފައިވަނީ 99 މައްސަލައެއްކަމަށެވެ. މިމުއްދަތުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި 391 މައްސަލަ ހުށަހަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފާއިތުވެދިޔަ 3 މަސްދުވަހު މައްސަލަތައް ހުށަހެޅިފައިވާގޮތް

ގެވެށި އަނިޔާގެ 99 މައްސަލަ

  • ޖެނުއަރީ މަހު 34 މައްސަލަ
  • ފެބުރުއަރީ މަހު 39 މައްސަލަ
  • މާރޗް މަހު 26 މައްސަލަ

ކުޑަކުދިންނާ ގުޅުންހުރި 391 މައްސަލަ

  • ޖެނުއަރީ މަހު 121 މައްސަލަ
  • ފެބްރުއަރީ މަހު 169 މައްސަލަ
  • މާރޗް މަހު 101 މައްސަލަ

ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ މިޙާލަތުގައިވެސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެއްވެސް ސެންޓަރެއްގެ ޚިދުމަތް މެދުކަނޑާލާފައި ނުވާނެކަމަށެވެ. މަލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ ސެންޓަރެއްގައިވެސް ފޯރުކޮށްދޭންޖެހޭ ހުރިހާ ކަމެއް އެމިނިސްޓްރީން ފޯރުކޮށްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.