ކޯވިޑް-19

ކޯވިޑް-19 : ޓްރެވަލާސް ކްލިނިކް ފްލޫ ކްލިނިކަކަށް ބަދަލުކޮށް ޚިދުމަތްދޭން ފަށައިފި


މާލޭ ހިޔާ ދޭއްގެ ފުރަގަހުގައި ހަދާފައިވާ ޓްރެވަލާސް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

މިތަން އެންމެ ފުރަތަމަ ޚާއްސަކޮށްފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށް، 14 ދުވަހުގެ ޓްރެވަލް ހިސްޓްރީއެއް އޮތް ފަރާތްތަކުގެ ތެރެއިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތެއް ނުވަތަ ހުމާ ރޯގާގެ އަލާމާތެއް ހުރި ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށެވެ. ނަމަވެސް ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ ރާއްޖެއިން އޮންއަރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއި، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ހުރިހާ ދިވެހިންވެސް ކަރަންޓީން ފެސިލިޓީއަކަށް ލުމަށް ނިންމާފައިވުމުން، ޓްރެވަލާސް ކްލިނިކް ވަނީ ފްލޫ ކްލިނިކަކަށް ބަދަލުކޮށްފައެވެ.

މި ކްލިނިކް ހިންގަމުންދާނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗުގެ ފަރާތުންނެވެ. އައި.ޖީ.އެމް.އެޗުން ވިދާޅުވީ، މިތަނުގެ ޚިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 10 އިން ރޭގަނޑު 10 ޖެހުމާހަމައަށް ލިބޭނެކަމަށެވެ. އަދި މި ކްލިނިކަށް ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް ޑޮކްޓަރަށް ދެއްކޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އައި.ޖީ.އެމް.އެޗުން ވަނީ ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ސީދާ އެ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި މާލޭ ހިޔާ 2 ފުރަގަހުގައި ހަދާފައިވާ ފްލޫ ކްލިނިކަށް ދިއުމަށް އާއްމުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އާއްމު ހޮސްޕިޓަލްތަކަށް މީހުން ޖަމާވުން ވީހާވެސް މަދުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިވަގުތުވެސް 23 ފްލޫ ކްލިނިކެއް ވަނީ ޤާއިމުކޮށްފައެވެ.