ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ފޮނުވުމަށް ގިނަ އަދަދެއްގެ ސަމާނު ޖަމާކޮށްފި


ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ތަކެތި ފޮނުވުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި 670 އާއިލާއަަށް ޒަރޫރީ ތަކެތި ފޮނުވުމަށް އެދިފައިވާކަމަށް މިނިސްޓްރީއޮފް ފޮރިން އެފެއާޒުން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީއާއި މޯލްޑިވިއަން ގުޅިގެން މިހާރުދަނީ ލަންކާއަށް ފޮނުވުމަށް ހަމަޖެއްހިފާ ތަކެތި ބަލައިގަތުމުގެ މަސައްކަތް ކުރަމުންނެވެ. މި ތަކެތި މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި މާދަމާ ލަންކާއަށް ފޮނުވާނެއެވެ.

ސްރީލަންކާއަކީ ތަޢުލީމު ޙާސިލްކުރުމާއި އަދި ބޭސްފަރުވާގެ ޚިދުމަތްތައް ހޯދުމަށް ގޮސްއުޅޭ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. ކޯވިޑް 19ގެ ހާލަތާއި ގުޅިގެން އެއަރލައިންތަކުގެ ދަތުރުތައް ހުއްޓާލާފައި ވާތީ ފޮރިން މިނިސްޓްރީން ވަނީ މޯލްޑިވިއަން މެދުވެރިކޮށް ލަންކާގައި ދިރިއުޅޭ އާއިލާތަކަށް ބޭނުންވާ ޟަރޫރީ ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ކާގޯ ހިފައިގެން މޯލްޑިވިއަންގެ ފްލައިޓް ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު ލަންކާއަށް 1 ދަތުރުކުރާނެއެވެ. ތަކެތި ފޮނުވަން ބޭނުންވާ އާއިލާތަކުން އެކަމަށްއެދި ރެޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ކޯވިޑް 19 އާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް މިއުވާން މުޙައްމަދު ވިދާޅުވީ ތަކެތި ފޮނުވުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައިވެސް 670 އާއިލާއަށް ތަކެތި ފޮނުވުމަށް އެދިފައިވާކަމަށެވެ. ފޮނުވާ ތަކެތި އެމިސްޓްރީ އާއި ހަވާލުކުރުން ކުރިއަށްދާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 09:00އިން މެންދުރުފަހު 13:00އަށެވެ. ހަވާލުކުރާތަކެތި ކާގޯގެ ގޮތުގައި ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ފޮނުވާނީ ކޮންމެ އާދިއްތަ ދުވަހެއްގައެވެ.

"ފުރަތަމަ ފުރުސަތުގައިވެސް 670 އާއިލާއަށް ތަކެތި ފޮނުވަން ރެސްޖިސްޓަރ ކުރި. މި ތަކެތި ދާނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް. ހައިކޮމިޝަނުން އެ އާއިލާއެއް ދިރިއުޅޭ ގެއަކަށް ތަކެތި ރައްދު ކުރާނީ. މި ބުރުގެ ތަކެތި ރާއްޖެއިން ފޮނުވާފަ، އަނެއްކާވެސް އަންނަ ހަފްތާގެ ތަކެތި ފޮނުވާ މީހުންގެ ރެޖިސްޓްރޭޝަން ފަށާނީ ." މިއުވާން ވިދާޅުވިއެވެ.

ކޮންމެ އާއިލާއަކަށްވެސް ފަހަރަކު ފޮނުވޭނީ 15 ކިލޯގެ ތަކެއްޗެވެ. އެގޮތުން ފޮނުވޭ ތަކެތީގެ ތެރޭގައި ޑޮކްޓަރުގެ ޕްރިސްކްރިޕްޝަނާއިއެކު ފޮނުވާ ބޭސް، މަސްދަޅު، ނޫޑްލްސް، ރިހާކުރާއި މަސް ޕެކެޓުފަދަ ބަންދުކޮށްފައިވާ ތަކެތި ފޮނުވޭނެއެވެ. ކާގޯގެ ގޮތުގައި ފޮނުވޭ ތަކެއްޗާއި އަދި މަނާ ތަކެތީގެ ތަފްސީލް ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ފެންނަން ހުންނާނެކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެއެވެ، އަދި އެއްފަހަރު ތަކެތި ފޮނުވާ އާއިލާއަށް ދެވަނަ ފަހަރުވެސް ތަކެތި ފޮނުވޭނެކަމަށާއި ނަމަވެސް ތަކެތިފޮނުވެމުންދާނީ ރެޖިސްޓްރީވެފައިވާ ތަރުތީބުންކަމުގައިވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

"ތަކެތި ފޮނުވަން ޕެކޭޖް ހިފައިގެން އަންނައިރު ފޮށިގަނޑަކަށް އަޅައިގެން، ނަމަވެސް ފޮށި ބަންދު ނުކޮށް ދާންވާނީ. އޭވިއޭޝަން ސެކިއުރިޓީއާއި ކަސްޓަމްސްއިން ތަކެތި ޗެކްކުރާނެ. އެހެންވީމާއި ފޮށިގަނޑަކަށް އަޅަން ޖެހޭ އެއްޗެހި އަޅައިގެން، ބަންދުކުރެވޭނެ ތަކެތި ހިފައިގެން ވަޑައިގެންނެވުމަށް އެދެން." މިއުއާން ވިދާޅުވިއެވެ.

ތަކެތި ފޮނުވަން ބޭނުންވާ މީހުން މިނިސްޓްރީ އޮފް ފޮރިން އެފެއަޒްގެ ވެބްސައިޓް މެދިވެރިކޮށް އޮންލައިންކޮށް ރެޖިސްޓްރީ ކުރެވޭނެއެވެ. އަދި ރެޖިސްޓްރީވެވުނުކަން ކަށަވަރުކޮށް މިނިސްޓްރީއިން ފޮނުވާ މެސެޖު ލިބުނުކަން ޔަގީންކުރެއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ލަންކާގެ އިތުރުން ދިވެހިން އުޅޭ އެހެން ޤައުމުތަކަށް ތަކެތި ފޮނުވުމާއި ގުުޅޭ މަޝްވަރާތައް ކުރަމުންދާކަމަށާއި، އެކަމާއިގުޅޭ މައުލޫމާތުވެސް ވަރަށް އަވަހަށް ރައްޔިތުންނާއި ހިއްސާކުރާނެ ކަމަށެވެ.