ވިޔަފާރި

ކޯވިޑް-19 : އެމްޓީސީސީގެ ހިއްސާދާރުންނަށް ޙިދުމަތްދެމުންދިޔަ ކައުންޓަރުތައް ވަގުތީގޮތުން ބަންދުކޮށްފި


މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީން އެކުންފުނީގެ ހިއްސާދާރުންނަށް ޚިދުމަތް ދެމުންދިޔަ ކައުންޓަރުތައް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ ހިއްސާދާރުންނަށް ޚިދުމަތްދޭ ކައުންޓަރުތަކުން ދެމުންދިޔަ ޙިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފައިވަނީ ކޯވިޑް-19 ފެތުރުން ކުޑަކުރުމަށާއި، އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. މި ޙިދުމަތްތައް ހުއްޓާލުމަށް ނިންމާފައިވަނީ މިމަހުގެ 5 އިން 9 ގެ ނިޔަލަށެވެ.

ދާދިފަހުން އެމްޓީސީސީއިން ވަނީ ހިއްސާދާރުންގެ ރަޖިސްޓްރީ ފުރިހަމަކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. އެމްޓީސީސީން ބުނީ އެކުންފުނީގެ ގިނަ ޢާންމު ހިއްސާދާރުންނަކީ 1980 ވަނަ އަހަރު ކުންފުނި އުފެދުނުއިރު ހިއްސާ ގަނެފައިވާ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަމަށެވެ. އެހެންކަމުން ހިއްސާދާރުންގެ ރަޖިސްޓްރީ ފުރިހަމަ ކުރުމުގެ މަސައްކަތްކުރީ ބައެއް ފަރާތްތަކުގެ ފުރިހަމަ ނަމަށާއި ދާއިމީ އެޑްރެހަށާއި ރަށްވެހިވެފައިވާ ރަށަށް ނުވަތަ ގުޅޭނެ ފޯނު ނަންބަރަށް ބަދަލެއް އައިސްފައިވާތީކަމަށެވެ.

ކޯވިޑް19 އާއި ގުޅިގެން ކުންފުނިތަކުގެ އަހަރީ ޖަލްސާތައް ބާއްވަންޖެހޭ ތާރީޚު ޖުލައި މަހަށް ފަސްކޮށްދިނުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ވެސް މިހާރު ވަނީ ނިންމާފައެވެ. އަދި ކުންފުނިތަކުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ނެރެންޖެހޭ އެންމެ ފަހުގެ ތާރީޚު 30 ޖޫންއަށް ވަނީ ބަދަލުކޮށްފައެވެ.