ވިޔަފާރި

އެސްޓީއޯ ސްޕަމަރޓުން މިހާރު އޮންލައިންކޮށް ވިޔަފާރިކުރެވޭނެ


ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސުޕަމާޓުން އޮންލައިންކޮށް ވިޔަފާރިކުރެވޭނެގޮތް އެ ކުންފުނިން ހަމަޖައްސައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސުޕަމާޓުން ލިބެން ހުންނަ ތަކެތި މިހާރު އެ ކުންފުނީގެ އީ-ސްޓޯރ ވެބްސައިޓު މެދުވެރިކޮށް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އެސްޓީއޯ ސްޕަމާރޓުން އޮންލައިންކޮށް ގަނެވޭ ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި، ކޮސްމެޓިކްސްއާއި، ކުޑަކުދިންނަށް ބޭނުންވާ ނެޕީއާއި އެހެނިހެން އަސާސީ ތަކެތި ހިމެނެއެވެ.

އެސްޓީއޯ ސްޕަމަރޓުން އޮންލައިންކޮށް ވިޔަފާރި ކުރަންބޭނުންވާ ފަރާތްތަކަށް އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ގަންނަ ތަކެއްޗަށް ފައިސާވެސް ދެއްކޭނެއެވެ. މީގެއިތުރުން ގަންނަ ތަކެތި ޑެލިވާކުރަން ބޭނުންނަމަ އެ ޚިދުމަތްވެސް އެސްޓީއޯއިން ފޯރުކޮށްދޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. ނޫންނަމަ 30 މިނެޓް ފަހުން ތަކެތި އަމިއްލައަށް ބަލައިވެސް އާދެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯ ސްޕަމަރޓަށް ވިޔަފާރިކުރަންދާ ފަރާތްތަކަށް ވަކި ދުރުމިނެއް ބެހެއްޓުމަށްވެސް އެ ކުންފުނިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން މިހާރު އަންނަނީ ޑެލިވަރީގެ ޙިދުމަތް ފޯރުކޮށްދެމުންނެވެ.