ވިޔަފާރި

ޖޮބް ސެންޓަރ: 449 މައްސަލައެއް ހުށަހަޅައިފި، މައްސަލައެއް އޮތްނަމަ އަވަހަށް ހުށަހަޅާ


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ވަޒީފާގެ މާޙައުލުގައި ދިމާވާ ކަންކަން ޙިއްސާކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި މިހާތަނަށް ހަތަރު ސަތޭކައެއްހައި މައްސަލަ ހުށަހަޅާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ޖޮބް ސެންޓަރަށް މިހާތަނަށް ހުށަހަޅާފައިވަނީ 449 މައްސަލަކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދު ހީނަރުވަމުންދާ މިދަނޑިވަޅުގައި ގިނަ ވިޔަފާރިތަކުން ދަނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ޢިނާޔަތްތައް ކަނޑައި ބައެއް މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވަމުންނެވެ. މިފަދަ މައްސަލަތައް އިތުރުވަމުންދާތީ ސަރުކާރުން މިހާރުވަނީ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި، ޢިނާޔަތްތައް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރަށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިދީފައެވެ.

މިހާތަނަށް ޖޮބް ސެންޓަރަށް ލިބުނީ ހަތަރު ސަތޭކައެއްހައި މައްސަލައެވެ. އެހެންނަމަވެސް ހަމައެކަނި ރިސޯޓު މުވައްޒަފުންގެ ތެރެއިންވެސް 11،000 އެއްހައި މުވައްޒަފުންގެ މުސާރަ ކަނޑާލާއި މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވާލާފައިވާކަމަށް ޓުއަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިންވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި މައްސަލަތައް ސަރުކާރަށް ބެލޭނީ މައްސަލަތައް ވީހާވެސް އަވަހަށް ރިޕޯޓްކޮށްގެންކަމަށެވެ. އެހެންކަމުން، އެއްވެސް މުވައްޒަފަކަށް ޤަވާއިދާ ޚިލާފަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ ލަސްނުކޮށް ޖޮބް ސެންޓަރަށް ރިޕޯޓުކުރުމަށް މަބްރޫކްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.