ޚަބަރު

ކޯވިޑް-19 : ދުރާލާ ރާވައިގެން ކުރާ އޮޕަރޭޝަންތައް ކުރުން އައިޖީއެމްއެޗްއިން މެދުކަނޑާލައިފި


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ދުރާލާ ރާވައިގެން އާއްމުކޮށް ކުރަމުން އަންނަ އޮޕަރޭޝަންތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެ ހޮސްޕިޓަލުންވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެށް އެޅުމަށް ނިންމާފައެވެ.

އެގޮތުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހޮސްޕިޓަލަށް އަންނަ މީހުން ސްކްރީންކުރުމާއި، ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނައުމާއި، އަދި ބައެއް ޚިދުމަތްތައް ދޭ އުސޫލުތައް ބަދަލުކުރުން ހިމެނެއެވެ.

ވަގުތީ ބަދަލެއްގެ ގޮތުން އެ ހޮސްޕިޓަލުންވަނީ އާއްމުކޮށް ހިންގަމުންދާ އޯ.ޕީ.ޑީ، އެކްސްރޭ، ސީޓީ ސްކޭން، އެމް.އާރް.އައި އަލްޓްރާ ސައުންޑް ސްކޭން އަދި ލެބޯޓްރީގެ ޚިދުމަތްދޭ ގަޑިތަށް ހެންދުނު 8:00 އިން މެންދުރު 2:30 އަށް ބަދަލުކޮށްފައެވެ. އަދި ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، އެ ހޮސްޕިޓަލުން މިހާރުވަނީ ދުރާލާ ރާވައިގެން އާއްމުކޮށް ކުރަމުން އަންނަ އޮޕަރޭޝަންތައްވެސް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައެވެ.

ނަމަވެސް ކުއްލި ޙާލަތުގައި ފަރުވާ ހޯދަންޖެހޭ ބަލިމީހުންނަށް އެމަޖެންސީ ފަރުވާ 24 ގަޑިއިރު ލިބޭނެކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ
.
އެ ހޮސްޕިޓަލުން ވަނީ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ބޭސް ސިޓީތައް ފަސޭހައިން އާކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. އެގޮތުން 6 މަސް ނުވާ ބޭސް ސިޓީ ހިފައިގެން އޯޕީޑީ މައި ދޮރޯށި ކުރިމަތީގައި ހަދާފައިވާ ހުމާއި ރޯގާއަށް ސްކްރީންކުރާ ޑެސްކަށް އައުމުން ބޭސް ސިޓީ އާ ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. ބޭސް ސިޓީ އާކުރުމުގެ ޚިދުމަތްދޭނީ ހެންދުނު 08:00 އިން އިރުއޮއްސި 06:00 އަށެވެ.

މީގެއިތުރަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ވަންނަ މީހުން ހުމާއި ރޯގާއަށް ސްކްރީންކުރަންވަނީ ފަށާފައެވެ. އަދި ހުމާއި ރޯގާގެ އަލާމަތް ހުރިނަމަ ސެނަހިޔާގައި ހަދާފައިވާ ފްލޫކުލިނިކާއި، އަދި ސިނަމާލެ 2 ފުރަގަހުގައި ހަދާފައިވާ ފްލޫ ކުލިނިކަށް ޑޮކްޓަށް ދެއްކުމަށް ދަނީ އިރުޝާދުދެމުންނެވެ.

އައިޖީއެމްއެޗުން އަޅާފައިވާ ފިޔަވަޅުތަކަކީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެ ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށްޓަަކައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކެއްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.