ވިޔަފާރި

ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އަންނަ ހަފްތާއިން ފެށިގެން ލޯންތަކަށް އެދެވެނޭ


ސަރުކާރުން އިޢުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އަންނަ ހަފްތާގައި ލޯނު ދޫކުރަން ފަށާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެސްޑީއެފްސީއިން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބުނު ރިސޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަންނަ ހަފްތާއިން ފެށިގެން ލޯނަށް އެދެވޭނެކަމަށެވެ. އަދި 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބުނު ވިޔަފާރިތަކަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ލިބޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އަމިއްލަ މަސައްކަތްކުރާ ފަރާތަކަށް ވެސް އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް އެދެވޭނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ލޯނުތައް ދޫކުރުމަށް ނިންމާފައިވަނީ %6 އިންޓްރެސްޓް ރޭޓުގައެވެ. މި ލޯންތައް އަނބުރާ ދެއްކުމަށް 3 އަހަރާއި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުން ތަޢާރަފްކުރި ސްޓިމިއުލަސް ޕެކޭޖު އެކުލަވާލާފައިވަނީ ކުރިއަރާފައިވާ ޤައުމުތަކުގެ ޕެކޭޖުތަކާއި އެއްގޮތަށްކަމަށެވެ. އެހެންކަމުން ލޯންތައް އަނބުރާ ދެއްކުމަށް ދީފައިވަނީ އެކަށީގެންވާ މުއްދަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ހަމަސް ދުވަހަކީ ފައިސާ އަނބުރާ ދައްކަން ރަނގަޅު މުއްދަތެއް. ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ސްޓިމިއުލަސް ޕެކޭޖްތައް ވެސް ހުރީ ގާތްގަނޑަކަށް މި ގޮތަށް އެކުލަވާލެވިފަ. ތިން އަހަރާއި ހަމަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދީފައި %6 އިންޓްރެސްޓް ރޭޓުގައި އަޅުގަނޑުމެން މި ލޯނުތައް ދޭނީ. އެއާއެކު ޑެޓް މޮރެޓޯރިއަމްއެއް ވެސް އެބަދެވޭ. މިއާއެކު ވާކިންގ ކެޕިޓަލްއެއް މި ދެނީ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ބީއެމްއެލްއާއި އެސްޑީއެފްސީ އާއި އެޗްޑީއެފްސީ އިން ނަގާފައިވާ ލޯނުތައް ފައިސާ ދެއްކުން ހަމަސް ދުވަހަށް ފަސްކޮށްދީފައެވެ. ބީއެމްއެލްއިން ވިދާޅުވީ އެބޭންކުން ނަގާފައިވާ ލޯނުތައް ފަސްކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރު މަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި ހަމަސް ފަހުން ލޯނުތައް ނަގަން ފަށާއިރު ނަގާފައިވާ ލޯނުގެ ކޮމްޕައުންޑް އިންޓްރެސްޓް ނުނަގާނެކަމަށާއި ލޯނު އަނބުރާ ދައްކާއިރު ދައްކަންޖެހޭނީ %20 ކުޑަކޮށްކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.

" 19 މާޗާއި ހަމައަށް ބޭންކުން ނަގާފައިވާ ލޯނުތައް، މީގެ ތެރޭގައި ޕާސަނަލް ލޯނުތައް، ހައުސިންގ ލޯނު އަދި ބިޒްނަސް ލޯނުތައް ނަގާފައިވާ ބޭފުޅުންނަށް ފައިސާ ދެއްކުން ފަސްކުރުމަށް މިއަދުން ފެށިގެން ހުށަހެޅޭނެ." ބީއެމްއެލްގެ ސްޕޯކްސް ޕަރސަން މުހައްމަދު ސަޢީދު ވިދާޅުވިއެވެ.

ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ހަފްތާގައި ހުޅުވާލި ނަމަވެސް ލޯނުތައް ދިނުމުގައި މި ހާލަތާ ގުޅުވައިގެން މުވައްޒަފުން ވަޒީފާއިން ވަކިނުކުރާ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް ވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު މަޤްސަދަކީ މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުން. ރިސޯޓް ސެކްޓަރގައި މަސައްކަތް ކުރާ މީހުންނާއި ދިވެހި ރައްޔިތުން ވެސް އަދި އެހެނިހެން ސެކްޓަރތަކުގައި މަސައްކަތްކުރާ މީހުންގެ ވެސް ވަޒީފާ ހިމާޔަތްކުރެވިފަ އެހެންނޫނިއްޔާ ވަޒީފާ ގެއްލޭ ހާލަތްތަކުގައި އެބަޔަކަށް ކޮންމެވެސް އެހީއެއް ދިނުމަށް އަޅުގަނޑުމެންގެ މުޅި ސްޓިމިއުލަސް ޕެކޭޖް ރޭވިފައި މި އޮތީ." މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުން ކުޑަކޮށް އިޤްތިސާދީ ހީނަރުކަމުން އަރައިގަތުމަށް 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ސަރުކާރުން ތަޢާރަފްކޮށްފައިވަނީ މިދިޔަ މާޗްމަހުގެ 19 ވަނަ ދުވަހު އެވެ. ސަރުކާރުގެ އަމާޒަކީ މި ޕެކޭޖް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވާ ގެއްލުންތައް ހައްލުކޮށްދިނުމެވެ.