ޚަބަރު

ކޯވިޑް-19 : އެމްއެންޔޫގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ ދެމަހުގެ ފީ މާފުކޮށްދީފި


ޤައުމީ ޔުނިވާސިޓީ ގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ ފީ މާފުކޮށްދިނުމަށް އެ ޔުނިވަރސިޓީން ނިންމައިފިއެވެ.

އެގޮތުން މާޗް މަހާއި އޭޕްރީލް މަހުގެ ފީ މާފުކޮށްދިނުމަސް އެ ޔުނިވަރސިޓީން ވަނީ ނިންމާފައެވެ.

މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަދި ސ. ހިތަދޫގައިވެސް ޤައުމީ ޔުނިވަރސިޓީގެ ދަނާލުތައް ހުރެއެވެ. މި ދަނާލުތަކުގައި 168 ދަރިވަރުން ތިބިކަމަށް އެ ޔުނިވަރސިޓީން މަޢުލޫމާތުދެއެވެ.

ރަށްރަށުގެ ދަނާލުތަކުން ދަރިވަރެއްގެ އަތުން ނަގަނީ މަހެއްގެ މައްޗަށް 500 ރުފިޔާއެވެ. އަދި މާލޭ ދަނާލުގައި، އެއް ދަރިވަރަށް ވުރެ ގިނައިން ތިބޭ ކޮޓަރިތަކުން ކުއްޖެއްގެ އަތުން ކޮންމެ މަހަކު 900 ރުފިޔާ އަދި އެކަނި ހުންނަ ކޮޓަރިއަކަށް 1200 ރުފިޔާ ނަގާކަމަށް އެ ޔުނިވަރސިޓީން މަޢުލޫމާތުދެއެވެ.

ޤައުމީ ޔުނިވަރސިޓީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19ގެ ސަބަބުން ދަރިވަރުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. މި ދަނޑިވަޅުގައި ސަރުކާރުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާދީފައިވާއިރު ސަރުކާރުން ވަނީ މަތީ ތަޢުލީމަށް ކިޔެވުމަށް ލޯނު ނަގާފައިވާ ދަރިވަރުންނަށް ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއްވެސް ހަމަޖައްސައި ދީފައެވެ. އެގޮތުން ސްޓޫޑެންޓް ލޯން ދައްކަންޖެހޭ މުއްދަތު ވަނީ 6 މަސްދުވަހަށް ފަސްކޮށްދީފައެވެ.